ދީން

"ޔޫތް ސިޓީ ޤުރުއާން މުބާރާތް 1439" ގެ ކިޔެވުން ފަށައިފި


ސްކޫލް ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯތްބާއި އިޙްތިރާމް އިތުރުކުރުމުގެ މަޤްޞަދުގައި ހުޅުމާލޭގައި ޚާއްސަ ޤުރުއާން މުބާރާތެއް ފަށައިފިއެވެ.

"ޔޫތް ސިޓީ ޤުރުއާން މުބާރާތް 1439" މިނަމުގައި ކުރިއަށްގެންދާ މި މުބާރާތަކީ ހުޅުމާލޭގެ ސްކޫލްތަކުގެ ބައިވެރިވުމާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ހުޅުމާލޭގެ ޣާޒީ ސްކޫލާއި، ރެހެންދި ސްކޫލްގެ އިތުރުން ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލް ހިމެނޭހެން ޖުމްލަ 51 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 3 ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބަޔާއި، ހިތުން ކިޔެވުމުގެ ބައިގެ އިތުރުން، ހާފިޒްކަމުގެ ބައިން. މި މުބާރާތުގެ ކިޔެވުން މިއަދު ޣާޒީ ސްކޫލުގައި ފަށާފައިވާއިރު، މާދަމާ ހެނދުނު 8 އިން 11 އަށް އަދި މެންދުރު 2 އިން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށްދާނެކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

މި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމުގެ އިތުރުން، ބަލައިގެން ކިޔެވުމުގެ ބަޔާއި، ހިތުން ކިޔެވުމުގެ ބައިން އެންމެ މޮޅު ސްކޫލާއި، މުޅި މުބާރާތުންވެސް އެންމެ މޮޅު ސްކޫލް ހޮވުން އޮންނާނެކަމަށް އެކުންފުނިން ބުނެއެވެ.