ޚަބަރު

ރާއްޖެއާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކާދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފި


ދިވެހިރާއްޖެއާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފިއެވެ.

ނިއު ޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ދެޤައުމުގެ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ދިވެހި ސަރުކާރުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ.ޢަލީ ނަޞީރު މުޙައްމަދާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ސަރުކާރުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަމްބްރޮއިސިން ކަޕޮންގޯއެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކަކީ ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރި 169 ވަނަ ޤައުމެވެ.

އާބާދީގައި ގާތްގަނޑަކަށް 4.6 މިލިއަން މީހުން ހިމެނޭ، ސެންޓްރަލް އެފްރިކަން ރިފަބްލިކަކީ ވަށައިގެން ހަމައެކަނި ބިންއޮންނަ ނުވަތަ ލޭންޑްލޮކްޑް ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. ޚާރިޖީ ގުޅުން ޤާއިމުކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންވެސް ރާއްޖެއާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް ވަނީ ބައިނަލްއަޤުވާމީ މައިދާނުގައާއި އދގައިވެސް އެކުގައި މަސައްކަތްކޮށްފައެވެ.

ދެ ޤައުމު ދެމެދުގައިއޮތް ގުޅުން ރަސްމީ ގޮތެއްގައި ޤާއިމްވެގެން ދިއުމަކީ، އދ.ގަ އާއި ބައިނަލްއަޤްވާމީ މަސްރަހުގައި ވޭތުވެދިޔަ ދުވަސްތަކުގައި ކުރަމުން އައި މަސައްކަތަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމެކެވެ.