ޚަބަރު

ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމަށް އަނެއްކާވެސް ސަޢުދުލް ހަރީރީ


ލުބުނާނުގެ ބޮޑު ވަޒީރު ސަޢުދުލް ހަރީރީ އެގައުމުގެ ބޮޑުވަޒީރު ކަމަށް ތިން ވަނަ ފަހަރަށް ހޮވިވަޑައިގެންފިއެވެ. ހަރީރީ މި މަޤާމަށް އަލުން ޢައްޔަންކުރައްވާފައިވަނީ، މި މަހުގެ 6 ވަނަ ދުވަހު ލުބުނާނުގައި ބޭއްވި ޢާއްމު އިންތިޚާބުގައި ހޮވި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މަޝްވަރާއަށް ފަހުގައެވެ.

ލުބުނާނުގެ ރައީސް މިޝެލް އައުންގެ އޮފީހުން ބުނެފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ 128 މެމްބަރުންގެ ތެރެއިން 111 މެމްބަރުން ވަނީ ލުބުނާނުގެ ބޮޑު ވަޒީރުކަމަށް ހަރީރީ އައްޔަނުކުރެއްވުމަށް ރުހުން ދެއްވާފައި ކަމަށެވެ. ހަރީރީ ދެން މަސައްކަތް ފައްޓަވާނީ، ލުބުނާނުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށެވެ.

ހަރީރީ ޤާއިމުކުރައްވާ ސަރުކާރުގައި މޭ މަހުގެ ހަވަނަ ދުވަހުގެ އިންތިޚާބަށްފަހު ލުބުނާނުގެ ސިޔާސީ މަސްރަހަށް އައި ބަދަލުތައް ފެނިގެންދާނެކަމަށް މުރާސިލުން ބުނެއެވެ. މި ގޮތުން މި އިންތިޚާބުގައި ލުބުނާނުގެ ހަނގުރާމަވެރި ޖަމާޢަތް ހިޒްބުﷲއަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކުން ވަނީ ގިނަ ކާމިޔާބީތައް ހޯދާފައެވެ.

އެ ޕާޓީތަކުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ސަތޭކަ އަށާވީސް ގޮނޑީގެ ތެރެއިން 70 ގޮނޑި ކާމިޔާބުކޮށްފައެވެ. ލުބުނާނުގެ ސިޔާސީ ލީޑަރުން ވަނީ، ވީ އެންމެ އަވަހަކަށް އެ ޤައުމުގެ ސަރުކާރު އެކުލަވާލައި، އެ ޤައުމުގެ އިޤްތިޞާދު ނެގެހެއްޓުމުގެ މަސައްކަތްތައް ލަސްނުކޮށް ފެށުމަށް ގޮވާލައްވާފައެވެ.