ޚަބަރު

އިސްރާއީލުން ފަލަސްތީނުގައި މީހުން ވަޒަންވެރިކުރުވުމަށް ކުރާ މަސައްކަތް އުރުދުނުން ކުށްވެރިކޮށްފި


ފަލަސްޠީނުގެ ބިމުގައި އިސްރާއީލުން ޔަހޫދީން ވަޒަންވެރިކުރުމަށް އިޢުލާނުކޮށްފައިވާ އާ ޕްލޭންތައް އުރުދުނުން ކުށްވެރިކޮށްފިއެވެ. އުރުދުންގެ މީޑިއާ އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުމާނީ ވިދާޅުވީ، އިސްރާއީލުގެ މި ރޭވުންތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދގެ އުސޫލުތަކާ މުޅިން ޚިލާފު ރޭވުންތަކެއް ކަމަށާއި އުރުދުނުން އެއްވެސް ހާލެއްގައި އިސްރާއީލުގެ އެ ޢަމަލުތައް ބަލައިނުގަންނާނޭކަމަށެވެ.

މުމާނީ ވިދާޅުވީ، އިސްރާއީލުން މަސައްކަތްކުރަމުންދަނީ ޔަހޫދީ ދައުލަތުން ހިޞާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި އެ ޤައުމުގެ ނުފޫޒު އިތުރުކުރުމަށް ކަމަށާއި، މިކަމަށްޓަކައި އިސްރާއީލުން ފިޔަވަޅު އަޅަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، އިސްރާއީލުގެ މި ޢަމަލުތަކުގެ ސަބަބުން މެދު އިރުމަތީގެ ސުލްޙަ އާއި ހަމަޖެހުމަށް އެކަމުގެ ސަބަބުން އަސަރުކުރަމުންދާކަމަށެވެ.

މި ހަފުތާގެ ބުރާސްފަތި ދުވަހު އިސްރާއީލުގެ ދިފާޢީ ވަޒީރު އަވިގްދޯރް ލީބަރމަން ވިދާޅުވީ، ހުޅަނގު އައްސޭރީގައި ޔަހޫދީން އުޅުމަށް ދެހާސް ފަސް ސަތޭކަ ހައުސިންގް ޔުނިޓް އެޅުމަށް އެކުލަވާލާފައިވާ ޕްލޭނަށް ދާދިއަވަހަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އިސްރާއީލުން ނުހައްޤުން ހޯދާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުގެ ހަ ސަތޭކަ ހާސް މީހުން ދިރިއުޅެމުންދާއިރު މި ސަރަހައްދަކީ ފަލަސްޠީނުގެ މިނިވަން ދައުލަތް އުފެއްދުމަށް މަސައްކަތްކުރާ ސަރަހައްދެވެ.