ޚަބަރު

އިންފުލުއެންޒާ - ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅިއްޖެނަމަ ފުރާނައަށް ނުރައްކާވާފަދަ ވައިރަހެއް


މޫސުމައް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ތަފާތު އެކި ބަލިމަޑުކަން ފެތުރުމަށް މަގުފަހިވެއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުންވެސް ރާއްޖޭގައި މިހާރުވަނީ ހުމާއި ރޯގާ ފާހަގަކޮއްލެވޭ މިންވަރަކަށް އިތުރުވެފައެވެ. މިގޮތުން އިންފުލުއެންއަކީ މިދުވަސްވަރު އެންމެ ބާރަށް ފެތުރޭ އެއް ރޯގާއެވެ.

އިންފުލުއެންޒާއަކީ އިންފުލުއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށްޖެހޭ އަރިދަފުސް ރޯގާ ފަދަ ބައްޔެކެވެ. މި ބަލީގެ އަލާމާތަތަކަކީ ހުންއައުމާއި، ކެއްސުމާއި، ކަރުގައި ރިއްސުން، ބޮލާއި ގައިގައި ރިއްސުން ފަދަ އާންމު ހުމެއްގެ އަލާމަތްތައް ކަމުގައިވާއިރު އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ މި ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވާ ޙާލަތްތަށްވެސް މެދުވެރިވެއެވެ.

އިންފުލުއެންޒާ އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއަޅާއިރު ވައިގެތެރެއަށްދާ އިންފުލުއެންޒާ ޖަރާސީމު އެކުލެވޭ ކުޅު އެހެންމީހެއްގެ ނޭވާލާ ނިޒާމަށް ދިއުމުންނެވެ. މިބަލި އިތުރަށް ފެތުރުމުގެ ފުރުޞަތު އޮންނާނީ ބަލިޖެހޭ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށެވެ.

މީގެ އިތުރުން ޖަރާސީމު އެކުލެވިފައިވާ ނުވަތަ ހަރުލާފައިވާ ތަންތަނުގައި ނޭނގި ނަމަވެސް އަތްލުމަށްފަހު ނޭފަތުގައި އަތްލުމުންވެސް މި ޖަރާސީމު ހަށިގަނޑަށް އެތެރެވުމުގެ ފުރުޞަތު ބޮޑެވެ. މި ބަލީގެ ސަބަބުން ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ފުއްޕާމޭގެ ބަލިތައް ފަދަ ސިއްޙީ ބޮޑެތި މައްސަލަތައް ހުންނަ މީހުންނަށް މި ރޯގާގެ ސަބަބުން ނުރައްކާވުމުގެ ފުރުޞަތު ބޮޑެވެ.

އެހެންކަމުން ކޮންމެ މީހަކުވެސް މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުން މުހިންމެވެ. އެގޮތުން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމާއި، ކެއްސާ ކިނބިހިއަޅާއިރު މާސްކާއި ޓިޝޫފަދަ ތަކެތި ބޭނުންކުރުމުގެ އިތުރުން އިންފުލުއެންޒާ ވެކްސިން ދުރާލާ ޖެހުމަކީވެސް މި ބަލިން ރައްކާތެރިވުމަށް ދުރާލައި ކުރެވިދާނެ މުހިންމު ކަންތައްތަކެކެވެ.

މީގެ އިތުރުން އިންފުލުއެންޒާ ނުވަތަ އެހެންވެސް ހުމެއް ނުވަތަ ރޯގާއެއް ޖެހިއްޖެކަމަށް ޝައްކުވާނަމަ ގިނައިން މީހުން އެއްވާ ތަންތަނަށް ދިއުމާއި ބޭރަށް ދިއުން މަދުކޮށް، ހުމާއި ރޯގާ ރަނގަޅު ނުވެ 3 ދުވަހަށްވުރެ ގިނަ ވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ތިމާއާއި މުޅި މުޖުތަމަޢުވެސް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.