ޚަބަރު

ބޮކޮށްވާރޭވެހި ތަންތަނަށް ގެއްލުންލިބުމުގެ ކުރިން ރައްކާތެރިވޭ - އެން.ޑީ.އެމް.ސީ


ބޯކޮށް ވާރޭވެހި ތަންތަނަށް ގެއްލުންލިބުމުގެ ކުރިން އެތަންތަން ރައްކާތެރިކޮށް ހިމާޔާތްކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

އެގޮތުން ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމުގެ ގޮތުން ގޭގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމާއި ގޭގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމަށް އެއިދާރާއިން އިލްތިމާސް ކުރެއެވެ. ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ، ފެން ނުޖެހޭފަދަ އުސްތަންތަނަށް ބަދަލުކުރުމާއި އުސްތަންތަނަށް ބަދަލުނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާ ތަންތަނަށް ބަދަލުކުރުމާއި ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ ދުރާލައި، ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ފިޔަވަޅު އެޅުމަކީވެސް މުހިއްމުކަމެކެވެ.

ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ވަޔާ އެއްޅާނުލާނެހެން ރައްކާތެރިކުރުމަށާ، ކަރަންޓުން ބޭނުންކުރާ ތަކެތި ބޭނުންނުކުރާނަމަ ނިއްވާލައިފައި ބެހެއްޓުމަށާއި އުދައިގެ އަސަރު ނުވަތަ ލޮނުގަނޑު ރަށުތެރެއަށްވަދެ ގެދޮރަށް ވަންނަނަމަ ލޮނުގަނޑުވަނުން ކޮންޓްރޯލް ކުރުމަށް ވެލިބަސްތާ ފަދަ އެއްޗެހި ބޭނުންކޮށްގެން ލޮނުގަނޑު ގެއަށް ވަނަނުދިނުމަށް މަސައްކަތްކުރުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވަނީ އިލްތމާސްކޮށްފައެވެ.

އަދި އުދަ އަރާނަމަ ގެއަށް ލޮނުގަނޑު ވަނުމުގެ ކުރިން ހިފާގެންގުޅޭ ތަކެއްޗާއި އިލެކްޓްރޯނިކްސް ސާމާނު ލޮނުގެ އަސަރު ނުކުރާނެތަނަކަށް ބަދަލުކުރުމާއި އުދަ އަރާ ދިމާލުގައި ހުންނަ އޮޔާދާނެފަދަ ތަކެތި އެހެން ތާކަށް ބަދަލުކުރުން ނުވަތަ އޮޔާ ނުދާނެ ފަދަ ގޮތަކަށްބަނދެ ހައްޔަރުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެ އިދާރާއިންވެސް ވަނީ ކަނޑުދަތުރުފަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށާއި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމުގައި މުއާސަލާތީ ނިޒާމް ފުރިހަމަޔަށް ޔަގީންކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.