ޚަބަރު

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި


ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މިހެން އިލްތިމާސްކުރީ މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް މުސުމާބެހޭ ޤައުމީ އިދަރާއިން އިލްތިމާސް ކޮށްފައިވާތީއެވެ.

އެގޮތުން މިދުވަސްވަރު ދަތުރު ކުރާނަމަ މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯދުމަށާއި ދަތުރުތައް ރޭވުމުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދީ، ކަމާ ގުޅުންހުރި ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ފަސިންޖަރުންނަށް ބޭނުންވާވަރަށް ލައިފްޖެކެޓު ހަމައަށް ހުރިތޯ ބަލައި، ލައިފްޖެކެޓްތައް ފަސޭހައިން އަތުޖެހޭ ހިސާބެއްގައި ހުރިތޯ ޔަޤީން ކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ކަނޑު އުޅަނދު ތަކުގައި ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދީ، ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރާނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށް މުވާސަލާތުކުރާ، ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމަށްފަހު ނޫނީ ދަތުރުތައް ނުކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ހާދިސާއަކަށް ސަމާލުވެ، ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުތަކަށްވެސް ސަމާވުލުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ޑައިވިންގ ކުރުމާއި މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.