ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ މިދިޔަމަހު މަދު


މިދިޔަ މާރޗް މަހާ އަޅާ ބަލާއިރު މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ރިޕޯޓް ކޮށްފައިވާ މިންވަރު މަދުކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އިން ހާމަކޮށްފިއެވެ. މިދިޔަ މާރޗް 125 މައްސަލަ ހުށައެޅިއިރު މިދިމަހު ހުށަހަޅާފައިވަނީ 116 މައްސަލައެވެ.

ފާއިތުވި އޭޕްރީލް މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ 238 މައްސަލައެއް ހުށައަޅާފައެވެ. އެމިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ 116 މައްސަލަ ހުށައަޅާފައިވާއިރު މިއީ ޖެންޑަރ މިނިސްޓްރީއަށް މިދިޔަ މަހު ހުށައެޅި މައްސަލަތަކުގެ 49 އިންސައްތަކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާތަކުގެ ތެރޭގައި މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން ޖިންސީ ހާނިއްކައިގެ 35 މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލައެއް މިނިސްޓްރީއަށް ހުށައަޅާފައިވާއިރު ނަފްސާނީ ހާނިއްކައިގެ 11އިތުރުން، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލަ ހުށައަޅާފައިވެއެވެ.
ކުށް ކުރާ ކުޑަކުދިންގެ މައްސަލަތަކަށް ބަލާއިރު މިދިޔަ މަހު އެފަދަ 12މައްސަލައެއް މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ވައްކަން ކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ވަނީ ރިޕޯޓުކޮށްފައިވެއެވެ. އަޚުލާގީ 13 މައްސަލައެއް ހުށައަޅާފައިވާއިރު މީގެ ތެރޭގައި ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 4 މައްސަލައާއި ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

މިނިސްޓްރީއަށް ހުށައަޅާފައިވާ ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި ޙައްޤުތަކުން އެކުދިން މަޙުރޫމް ކުރުމުގެ 6މައްސަލައެއްވެސް ހިމެނެއެވެ
މިދިޔަ މަހު މިނިސްޓްރީއަށް ހުށައަޅާފައިވާ ޢާއިލީ މައްސަލަތަކަށް ބަލާއިރު 46މައްސަލައެއް ވަނީ ހުށައަޅާފައެވެ. އޭގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާބައްދަލުނުކުރެވޭ 27 މައްސަލައަކާއި ކުދިން ބެލުމުގައި ދިމާވާ 14 މައްސަލައެއްގެތެރެއިން ދަރިންގެ ޚަރަދު ދިނުމުގައިދިމާވާ 5 މައްސަލައެއްވެސް ވަނީ މިނިސްޓްރީއަށް ހުށައަޅަފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ25 މައްސަލަ މިދިޔަ މަހު ރިޕޯޓްކޮށްފައިވެއެވެ. އެއީ ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ.

މިފަދަ 10 މައްސަލައެއް ހުށައެޅާފައިވާއިރު5މައްސަލައަކީ ނަފްސާނީ އަނިޔާގެ މައްސަލަތަކެވެ. މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ބާރާއި ނުފޫޒް ފޯރުވުމުގެ 3 މައްސަލައަކާއި ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ މައްސަލައާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއް ހުށައަޅާފައިވާއިރު ފާރަލުމުގެ މައްސަލައެއްވެސް ވަނީ ހުށައަޅާފައެވެ.

މީގެ އިތުރުން ނުކުޅެދުނެތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި ބެލެހެއްޓުމާއި ގުޅޭ 7 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ 6 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ.
މިމައްސަލަތަކުގެ އިތުރަށް އަމިއްލަ ނަފްސަށް އަނިޔާ ދިނުމާގުޅޭ 7 މައްސަލަ މިނިސްޓްރީއަށްވަނީ ރިޕޯޓުކޮށްފައެވެ.