ޚަބަރު

ޢިނާމުގެ ގޮތުގައި 15000 ރުފިޔާ ލިބޭ ދީނީސުވާލު މުބާރާތެއް


އިނާމެއްގެ ގޮތުގައި ފަނަރަ ހާސް ރުފިޔާ ލިބޭ ދީނީ ސުވާލު މުބާރާތެއް ކުރިއަށް ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ރަމަޟާންމަހުގެ ފަހު ފަނަރަވަނަދުވަހުއެވެ.
ރަމަޟާންމަހުގެ ޚާއްސަ ޙަރަކާތެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ މުއައްސަސާތަކުގެ އިތުރުން ކޮލެޖު ޔުނިވަރސިޓީތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ދީނީ އަދި ޤައުމީ ލޯބި އިތުރުކޮށް އިސްލާމީ ތާރީޚާއި ހަޟާރަތާއި ފިޤުހީ މަޢުލޫމާތު މުއްސަނދި ކުރުމަށް ކުރިއަށްގެންދާ މުބާރާތެއްކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގައި ބައިވެރިވެވޭނީ މަދުވެގެން ތިން މީހުން، ގިނަވެގެން ފަސް މީހުންގެ ޓީމަކާއެކުކަމަށާ، މުބާރާތުގައި ބައިވެރިވުމަށް ޖުމުލަ 8 ޓީމަކަށް ފުރުޞަތުދެވޭނެކަމަށެވެ. އަދި 8 ޓީމަށް ވުރެ އިތުރަށް މުބާރާތުގައި ބައިވެރިވުމަށް ހުށައަޅާފައިވާނަމަ ޓީމްތައް އިޚްތިޔާރުކުރުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަން ފޯމްތައް ހުށައެޅި ތަރުތީބުންކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ދީނީ ސުވާލު މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި މުބާރާތުގައި ބައިވެރިވާ ޓީމުތައް ދެ ބަޔަކަށް ބަހާލައި ގުރުއަތުން ދިމާވާ ދެ ޓީމް ވާދަކުރުމަށް ހަމަޖެހިފައިވާއިރު މިބުރުން މޮޅުވާ ޓީމްތައް ދެވަނަ ބުރުގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ބުރު ނިމުމުން މޮޅުވާ ދެ ޓީމްގެ ގޮތުގައި ފައިނަލް ކުއިޒް އަދި ބަލިވާ ދެ ޓީމްގެ މެދުގައި ތިންވަނަ ހޮވާ ކުއިޒްއެއް ބެއްވުމަށް ހަމަޖެހިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުން 1 ވަނައަށްދާ ޓީމަކަށް 15000 ރުފިޔާއާއި ހަނދާނީ ލިޔުމުގެ އިތުރުން ޓްރޮފީއެއް ލިބޭނެކަމަށެވެ. އަދި 2 ވަނަ އަށްދާ ޓީމަކަށް 10000 ރުފިޔާ، ތިންވަނައަށްދާ ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަސްވެސް އެމިނިސްޓްރީން ބުނެއެވެ. މީގެ އިތރުން މި މުބާރާތުގެ އެންމެ މޮޅު ދެ ބައިވެރިޔަކު ހޮވައި އިނާމްދިނުމަށްވެސް ހަމަޖެހިފައިވެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ އާދިއްތަދުވަހުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް ހުށައަޅަންޖެހެއެވެ.