ކުޅިވަރު

ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖްގެ އެސޯސިއޭޓް ސްޕޮންސަރަކަށް އެލައިޑް


ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖްގެ އެސޯސިއޭޓް ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސާ، އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.

އަންނަ މަހު ރަޝިޔާގައި ފަށާ ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ޕީއެސްއެމް ކަވަރޭޖްގެ އެސޯސިއޭޓް ސްޕޮންސަރ އެލައިޑް އިންޝިއުރެންސާއެކު ވެވުނު އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހަންމަދު އިކުރާމް އަބްދުލް ލަތީފްއެވެ.
އަދި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު އަމީލްއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހަންމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވީ ރާއްޖޭގެ ސަރައްހަދަށް ވަރލްޑްކަޕް ދެއްކުމަށް ހުއްދަ ލިބިފައިވަނީ ހަމައެކަނި ޕީއެސްއެމްއަށް ކަމަށާއި، އެހެންކަމުން ރާއްޖޭގެ ޓީވީ ޗެނަލްތަކުންނާއި، ކޭބަލްޓިވީ އޮޕަރޭޓަރުންނާއި، އެނޫންވެސް ފަރާތްތަކަށް ވަރލްޑްކަޕުގެ މެޗުތައް ދުރަށްދެއްކޭނީ ޕީއެސްއެމްގެ ހުއްދައާ އެކުކަމަށެވެ. މިޚާއްސަ ކަވަރޭޖްގައި އެލައިޑްގެ ފަރާތުން އެއްބާރުލުން ދެއްވީތީ އިކްރާމް ވަނީ އެކުންފުނީގެ އިސްވެރިންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

" އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް ހުރިހާ ފަރާތްތަކުން ވެސް މެޗުތައް ދައްކަން ބޭނުންކަމަށް ވާނަމަ ދެފަރާތް އެއްބަސްވެވޭ ގޮތަކަށް އެކަންކުރުން. އެނގިވަޑައިގަންނަވާނެ ޕީއެސްއެމްއަކީ ރާއްޖޭގައި ވަރލްޑްކަޕުގެ މެޗުތައް ދެއްކުމަށް ހުއްދަ ލިބިފައިވާ ހަމައެކަނި ފަރާތް." އިކްރާމް ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެލައިޑް އިންޝުރަންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަމީލް ވިދާޅުވީ ޕީއެސްއެމުން ކުރިއަށްގެންދާ ރައްޔިތުންނާ ގުޅުންހުރި މިފަދަ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ޕީއެސްއެމް އިން ދެއްވީތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަމީލް ވިދާޅުވީ މިފަދަ އިޖްތިމާއި އަދި މުޖްތަމައުއަށް ފައިދާހުރި ހުރިހާ ކަމެއްގައި އެލައިޑްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ.

" އަބަދުވެސް ޕީއެސްއެމްއިން ކުރިއަށް ގެންދާ މުޖުތަމައުއަށް ފައިދާހުރި ކަންކަމުގައި އަޅުގަނޑުމެން އެއްބާރުލުން ދޭނަން." އަމީލް ވިދާޅުވިއެވެ.

ފީފާ ވަރލްޑްކަޕްގެ ފުރިހަމަ ކަވެރޭޖެއް ގެނެސްދިނުމަށް ޕީއެސްއެމުން ވަނީ މިހާރުވެސް ކަވަރޭޖް ފަށާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ކުޅުންތެރިންނާއި، ޓީމްތަކުގެ މައުލޫމާތުތައް ދަނީ ކުޅިވަރު ޚަބަރާއި ކޮންމެ ދުވަހެއްގެ ޚާއްޞަ ޕްރޮގްރާމްގައި ގެނެސްދެމުންނެވެ. ފީފާ ވަރލްޑްކަޕްގެ މެޗުތައް ޓީވީއެމުންނާއި ޔެސްޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.