ޚަބަރު

މާލޭގެ ހުރިހާ ސްކޫލެއްގެ މުދައްރިސުންނަށް ޓެބްލެޓްތައް ހަވާލުކޮށްފި


ރާއްޖޭގެ ސްކޫލްތަކުގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ބޭނުންވާ ޓެބްލެޓްތަކުގެ ތެރެއިން މިހާތަނަށް މާލޭގެ ސްކޫލްތަކުގެ ހުރިހާ މުދައްރިސުންނަށް ޓެބްލެޓް ހަވާލުކޮށް ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވީ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ސަތާރަ ސަތޭކަ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކޮށް ނިމިފައިވާކަމަށެވެ. އެންމެ ފުރަތަމަ ޓެބްލެޓް ދޫކޮށްފައިވަނީ މިމަހުގެ އެކާވީސްވަނަ ދުވަހު އިސްކަންދަރު ސްކޫލްގެ މުދައްރިސުންނަށެވެ. އަދި މާލޭގެ އެންމެ ފަހު ސްކޫލެއްގެ ގޮތުން ޓެބްލެޓް ހަވާލުކޮށްފައިވަނީ ކަލާފާނު ސްކޫލްގެ މުދައްރިސުންނަށެވެ.

އަންނަ އާދީއްތަ ދުވަހުން ފެށިގެން އަތޮޅުތަކުގެ ސްކޫލްތަކުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން ފަށާނެކަމަށް ނަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގާތްގަނޑަކަށް އަށްހާހާ ގާތްކުރާ ޢަދަދަކަށް މުދައްރިސުން ކިޔަވައިދެމުން ގެންދެއެވެ.

ސްކޫލްތައް ޑިޖިޓަލް ކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއް މިހާރު ވަނީ ހައިސްޕީޑްގެ އިންޓަރނެޓާއެކު ވައިފައި ކޮށްފައެވެ. ސްޓޭޓް މިނިސްޓަރ ނަޒީރު ވިދާޅުވީ، މުޅި މަޝްރޫޢުގެ ދަށުން ހަތްދިހަ ހަތްހާސް ޓެބްލެޓް މުދައްރިސުންނަށާއި، ދަރިވަރުންނަށް ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވިހި ހާސް ޓެބްލެޓް ރާއްޖެ ގެނެސްފައިވާވާކަމަށެވެ، އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭ ފުރަތަމަ ދުވަހުން ފެށިގެން ދަރިވަރުންނަށް ޓެބްލެޓް ހަވާލުކުރަން ފަށާނެކަން ނަޒީރު ފާހަގަކުރެއްވިއެވެ.
ސްކޫލްތައް ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢުގެ ދަށުން، ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓް ގެނެސްފައިވަނީ މެކްސްކޮމް ޓެކްނޮލަޖީއާ ހަވާލުކޮށްގެންނެވެ.