ކުޅިވަރު

ލިވަޕޫލަށް ވުރެ ތައްޓަށް ބަނޑުހައިވެފައި އޮތީ މެޑްރިޑް - ޒިދާން


އެހެން އެއްވެސް ޓީމަކަށްވުރެ ބޮޑަށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދަން ބަނޑުހައިވެފައި އޮތް ޓީމަކީ ރެއާލް މެޑްރިޑް ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޓީމުގެ ކޯޗު ޒިދާން ބުނީ 1970ގެ އަހަރުތަކުގެ ފަހުން ޖެހިޖެހިގެން ތިން ވަނަ އަހަރަކު ތަށީ ހޯދާ ފުރަތަމަ ޓީމަށް ވުމަށް ރެއާލްގެ ކުޅުންތެރިން ތިބީ އާދަޔާ ހިލާފު ޖޯޝެއްގައި ކަމަށެވެ.

"ލިވަޕޫލުން ތަށި ހޯދަން ބޭނުންވާނެ. އެކަމަކު އަހަރެން ދެކޭ ގޮތުގައި އެހެން އެއްވެސް ޓީމަކަށްވުރެ ބޮޑަށް އެކަން ކުރަން ބޭނުންވެފައިވަނީ އަހަރެންގެ ޓީމު. މީގައި އެންމެ އުނދަގޫ ކަމަކީ ޖެހިގެން އަންނަ މުބާރާތުގެ ފައިނަލް ކުޅުން. އެކަން އަހަރެންގެ ކުޅުންތެރިން ކޮށްފި. މިހާރު އޮތީ ތަށި ހޯދުން،" 2002 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކުޅުންތެރިއެއްގެ ގޮތުގައި ރެއާލް އަށް ހޯދައިން ޒިދާން ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލް އެންމެ ފަހުން ފައިނަލްގައި ކުޅުނީ 2007 ވަނަ އަހަރު ނަމަވެސް އެއީ މުބާރާތުގައި މުއްސަދި ތާރީހެއް އޮތް ވަރުގަދަ ޓީމެއް ކަމަށެވެ.

"ލިވަޕޫލް ވަނީ ނޮކްއައުޓް ބުރުގައި ވަރަށް ވަރުގަދަ ޓީމުތައް ބަލިކޮށްފައި. އެހެންވީމާ އެމީހުންނަކީ ދެރަ ޓީމެއް ކަމަށް ބެލޭނެ އެއްވެސް ގޮތެއްނެތް. އެމީހުން މޮޅަށް ކުޅޭނެ. އަހަރެން ދެކޭ ގޮތުގައި ފަހަރުގެ ފައިނަލް ވެގެންދާނީ އަހަރުމެން ކުޅެން ޖެހޭ އެންމެ ވަރުގަދަ ފައިނަލަށް،" ޒިދާން ބުންޏެވެ.

ރެއާލް އާއި ލިވަޕޫލް އެންމެ ފަހުން މުބާރާތުގެ ފައިނަލްގައި ކުޅުނީ 1981 ވަނަ އަހަރު އެވެ. އެފަހަރު ތަށި ގެންދިޔައީ ލިވަޕޫލެވެ. އެ ޓީމުން އެންމެ ފަހުން ތަށި ހޯދީ 2005 ވަނަ އަހަރު ސްޓީވަން ޖެރާޑްގެ ކެޕްޓަންކަމުގައެވެ.

ރެއާލްއަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ޖުމުލަ 12 ފަހަރު ވަނީ ތަށި ހޯދައިފަ އެވެ. އަދި މިއީ ރެއާލްގެ ގިނަ ކުޅުންތެރިން ފަސް އަހަރު ތެރޭގައި ޗެމްޕިއަންސް ލީގު ކާމިޔާބު ފައިނަލްގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. މި ފަހަރުގެ ފައިނަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.