ކުޅިވަރު

އާޖެންޓީނާގެ ކީޕަރު ރޮމޭރޯއަށް ވޯލްޑްކަޕްގައި ނުކުޅެވޭނެ!


އާޖެންޓީނާގެ އެއްވަނަ ކީޕަރު ސާޖިއޯ ރޮމޭރޯގެ ކަކުލަށް އަނިޔާވެ އަންނަ ފަހު ފަށާ ވޯލްޑް ކަޕުގައި ނުކުޅެވެނެކަން ޔަގީންވެއްޖެއެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ބަދަލު ކީޕަރު ރޮމޭރޯ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފައިނަލަށް އާޖެންޓީނާ ގެންގޮސްދިން ކީޕަރެވެ. އޭނާގެ ބަދަލުގައި ޓީމަށް ނަގާނެ ކަމަށް ބެލެވެނީ އާޖެންޓީނާގެ ޓިގްރެސް ކުލަބުގެ ކީޕަރު ނައުހެލް އިގްނާސިއޯ ގުޒްމަން އެވެ.

32 އަހަރުގެ ކީޕަރު ވަނީ މިހާތަނަށް ގައުމީ ޓީމަށް ހަ މެޗު ކުޅެދީފަ އެވެ. ނަމަވެސް އޭނާ އަކީ ކޯޗު އެކުލަވާލި 23 ކުޅުންތެރިންގެ ތެރޭގައި ނުހިމެނޭ ކީޕަރެކެވެ.

މިވަގުތު ސްކޮޑުގައި ތިބި އަނެއް ދެ ކީޕަރުންނަކީ ޗެލްސީގެ ބަދަލު ކީޕަރު ވިލީ ކަބަޔޭރޯ އާއި ރިވަޕްލޭޓްގެ ފްރޭންކޯ އަރްމާނީ އެވެ. މީގެ ތެރެއިން 36 އަހަރުގެ ކަބަޔޭރޯ ގައުމީ ޓީމަށް ކުޅެދީފައިވަނީ އެންމެ ދެ މެވެ. އަދި ނިމިދިޔަ އިނގިރޭސި ލީގުގައި އޭނާ ކުޅެފައިވަނީ އެންމެ ތިން މެޗެވެ.

ރިވަޕްލޭޓުގެ ކީޕަރު 31 އަހަރުގެ އަރްމާނީ އަކީ މިހާތަނަށް ގައުމީ ޓީމަށް އެންމެ މެޗެއް ވެސް ކުޅެދީފައިވާ ކީޕަރެއްނޫނެވެ.