ޚަބަރު

އީރާނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފި


އެމެރިކާއިން ބޭނުންވާ ކަންކަން ކުރުމަށް އީރާނުން ދެކޮޅު ހަދައިފިނަމަ ތާރީޚުގައިވެސް މިހާތަނަށް އެޅި އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ކަމާ ދާދި ފަހުން ހަވާލުވެވަޑައިގެން މައިކް ޕޮމްޕެއޯ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތު ދެއްވި ފުރަތަމަ ޚިތާބުގައި ވިދާޅުވީ، އީރާނުން މިހާރު ޢަމަލުކުރަމުންދަނީ ބައިނަލްއަޤުވާމީ ދުނިޔެއިން ޤަބޫލުކުރާ އަދި ބަލައިގަންނާނެ ގޮތަކަށް ނޫންކަމަށާއި، އީރާނުގެ ޢަމަލުތައް ބަދަލު ނުކުރާނަމަ އެ ޤައުމާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރާނެކަމަށެވެ. އަދި މި ފިޔަވަޅުތައް ވެގެންދާނީ ތާރީޚުގައި ވެސް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތަކަށް ކަމަށްވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޕޮމްޕެއޯގެ ޚިތާބުގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރޭގައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓާލުމާއި، އެ ޤައުމުގެ ބެލެސްޓިކް މިސައިލްގެ ޕްރޮގްރާމް މަޑުޖައްސާލުމުގެ އިތުރުން ސަރަހައްދުގެ އެހެން ޤައުމުތަކުގެ މަސްރަހުގެ ތެރެއަށް ވަނުމުގެ ގޮތުން އީރާނުން އަޅާ ފިޔަވަޅުތައް ހުއްޓާލުން ހިމެނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ ވަނީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި އެ ޤައުމުގެ އަސްކަރިއްޔާއާ އެއް ސަފެއްގައި ހަނގުރާމަކުރަމުންދާ އީރާނުގެ އަސްކަރީ ފައުޖުތައް އެ ޤައުމުން ބޭލުމަށް ގޮވާލައްވާފައެވެ. އެމެރިކާގެ މި ގޮވާލުންތަކަށް އީރާނުން ޖަވާބު ދޭނެކަމަށް ނުފެންނަކަމަށް މުރާސިލުން ބުނެއެވެ.