ޚަބަރު

ދީނީ ޙުކުމްތަކާމެދު ސުވާލެއް ނުއުފެއްދޭނެ - އިސްލާމިކް މިނިސްޓަރ


އިސްލާމް ދީނުގައި ކަމެއް ވަކިގޮތަކަށް ކުރަން އަމުރުކުރައްވާފައިވާނަމަ އެކަމާމެދު ސުވާލުކުރުމަކާ ނުލައި ބޯލަނބަންޖެހޭނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޕީއެސްއެމްގެ މުންނާރު ޓީވީން ގެނެސްދޭ ނަބަވީ ހިދާޔަތު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ދީނީ ޙުކުމަކަށް ވީނަމަވެސް އަދި ކީރިތި ރަސޫލާ ވަކިގޮތަކަށް ކަމެއް ކުރެއްވުމަށް ކުރައްވާފއިވާ ޢަމުރުފުޅަކަށް ވީނަމަވެސް އެކަންކަން އެގޮތަށްކުރުމަށް އެންގެވީ ކީއްވެތޯ ކޮން ބޭނުމެއްގައިތޯ ސުވާލުކުރުމުގެ އެއްވެސް ޙައްގެއް އެއްވެސް މުސްލިމަކަށް ލިބިގެން ނުވާކަމަށެވެ. އަދި އީމާންވާބަޔަކު ދީނީ ޙުކުމްތަކާމެދު ޖަދަލުކޮށް ސުވާލު ނުއުފައްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ ޢިލްމީ ނަޒަރަކުން ދީނީ ޙުކުމްތައް ބާވާލައްވާފައިވާ ސަބަބުތަކާއި ޙިކުމަތް ދެނެގަތުމަކީ މައްސަލައެއް ނޫންކަމަށެވެ.

ނަބަވީ ހިދާޔަތު ޕްރޮގްރާމަކީ ރަމަޟާން މަހު ކޮންމެ ދުވަހެއްގެ ހަވީރު ހައެއް ޖަހާއިރު ޕީއެސްއެމްގެ މުންނާރު ޓީވީއާއި ޓީވީއެމުން ގެނެސްދޭ ޕްރޮގްރާމެއް. މިޕްރޮގްރާމް ގެނެސްދެނީ ދީނީ ގޮތުން ފާހަގަކޮށްލެވޭ އެކި މަޢުޟޫތަކަށް ޚާއްސަކޮށްގެން.