ޚަބަރު

ތުރުކީއާއި ދުބާއީގައި އޮންނަ ޤުރުއާން ކިޔެވުމުގެ ދެ މުބާރާތަކަށް ދެ ދިވެއްސަކު ފުރައިފި


ތުރުކީވިލާތާއި ދުބާއީގައި އޮންނަ ޤުރުއާން ކިޔެވުމުގެ ދެމުބާރާތެއްގައި ރާއްޖެ ތަމްސީލްކުރުމަށް ދެ މީހަކު ފުރައިފިއެވެ.

ތުރުކީވިލާތުގެ އިސްތަންބޫލުގައި މިމަހުގެ 20 އިން 30 އަށް ކުރިއަށްގެންދާ ތުރުކީ ވިލާތުގެ 6ވަނަ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ރާއްޖޭ ތަމްސީލް ކުރަނީ މ.ރުއްފުށި ،ޝަމީމު ފައިޞަލް އަޙްމަދެވެ. ޢުމުރުން 18 އަހަރާއި 35 އަހަރުގެ ފިރިހެނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ހިމެނެނީ 2 ގޮތްޕެވެ. އެއީ މުޅި ޤުރްއާން ބަލައިގެން ކިޔެވުމާއި މުޅި ޤުރްއާން ހިތުން ކިޔެވުމުގެ ބައެވެ. މިފަހަރު މިމުބާރާތުގައި ރާއްޖެއިން ބައިވެރިވާ ޝަމީމު ފައިޞަލް އަޙްމަދު ބައިވެރިވަނީ މުޅި ޤުރްއާން ބަލައިގެން ކިޔެވުމުގެ ގޮފީގައެވެ.

ޝަމީމަކީ ޤުރުއާންގެ ޢިލްމުން ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދާފައިވާ ޤާރީއެކެވެ. މިގޮތުން ރާއްޖޭގައި ބޭއްވި އެކި މުބާރާތްތަކުން ވަނަ ހޯދާފައިވާއިރު އޭނާ ވަނީ މީގެ ކުރިން ބޭއްވި ބައިނަލް އަޤްވާމީ މުބާރާތްތަކުގައިވެސް ބައިވެރިވެ ރާއްޖެ ތަމްސީލްކޮށްފައެވެ. އެގޮތުން ބައެއް މުބާރާތްތަކުން އެއްވަނަ ހާސިލުކޮށް ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުވެސް އޭނާ ވަނީ ހާސިލުކޮށްފައެވެ. މީގެ އިތުރުން ޝަމީމް ވަނީ ޕީއެސްއެމް އިން 2013 ވަނަ އހަރު ގެނެސްދިން އެންމެ އަލިގަދަ ތަރި މި މުބާރާތުގެ ދެވަނަވެސް ހާސިލްކޮށްފައެވެ.

ޝަމީމްގެ އިތުރުން ދުބާއި އިންޓަރނޭޝަނަލް ޕްރައިޒް ފޮރ ހޮލީ ޤުރްއާން މުބާރާތުގައި ރާއްޖޭތަމްސީލްކުރުމަށްޓަކައި ސ.ހިތަދޫ ، ނީލަންވާދީ ޢުމުރުން 17 އަހަރުގެ މުރުޝިދުލް އަމީންވަނީ ފުރާފައެވެ. މުރުޝިދު މި މުބާރާތުގައި ބައިވެރިވެފައިވަނީ މުޅި ޤުރްއާން ހިތުން ކިޔެވުމުގެ ގޮފީގައެވެ. މިއީ ޢުމުރުން 25 އަހަރު ފުރިހަމަ ނުވާ ފިރިހެނުންނަށް ޚާއްޞަކޮށްގެން ދުބާއީގައި އޮންނަ މުބާރާތެކެވެ.