ކުޅިވަރު

އިންޓަމިލާން ޗެމްޕިއަންސް ލީގަށް


މެދުކެނޑުމަކަށް ފަހު އިޓަލީގެ އިންޓަމިލާން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގަ ހޯދައިފިއެވެ.

90ގެ އަހަރުތަކުގައި ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ޓީމެއްގެ ގޮތުގައި ފެނިގެންދިޔަ އިންޓަރ ޗެމްޕިއަންސް ލީގުން ޖާގަ ހޯދީ އިޓާލިއަން ލީގުގެ ފަހު މެޗުގައި ރޭ ލާޒިއޯ 3-2އިން ބަލިކޮށްގެންނެވެ. މި މެޗުން އިންޓަރ މޮޅުވުމުން ދެ ޓީމު ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައެވެ. އަދި ފައިދާ ގޯލުން ކުރި ލިބެނީ ވެސް ލާޒިއޯ އަށެވެ. ނަމަވެސް އިޓާލިއަން ލީގުގެ ޓޭބަލުގެ ހަތަރު ވަނަ މަޤާމާއެކު އިޓަލީން ޗެމްޕިއަންސް ލީގު ކުޅޭނެ ފަހު ޓީމުގެ ޖާގަ އިންޓަރއަށް ލިބުނީ ލާޒިއޯއާއެކު ލީގުގައި ކުޅުނު މެޗުތަކުގެ ނަތީޖާ އެ ޓީމު ކޮޅަށް ބުރަވާތީ އެވެ.

އިޓަލީން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅޭނީ ޗެމްޕިއަން ޔުވެންޓަސް އާއި ނަޕޯލީ އާއި ރޯމާ އަދި އިންޓަރއެވެ. ލާޒިއޯ އާއި އޭސީމިލާން އަދި އެޓްލާންޓާ ވާދަކުރާނީ ޔޫރޮޕާ ލީގުގަ އެވެ.
އިންޓަމިލާން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ 2010 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގަ އެވެ.