ކުޅިވަރު

ޝުކުރިއްޔާ! އަބަދުވެސް ބާސެލޯނާ މަތިން ވަރަށް ހަނދާންވާނެ: އިނިއެސްޓާ


އޭނާގެ ހިތުގައި ބާސެލޯނާ އަށް އޮތީ ހާއްސަ ޤަދަރެއް ކަމަށާއި، އަބަދުވެސް އެކުލަބުގެ މަތިން މިސްވާނެކަމަށް ކެޕްޓަން އަންދްރޭސް އިނިއެސްޓާ އޭނާގެ ވަދާއީ މެޗަށް ފަހު ބުނެފިއެވެ.
ފިލިޕް ކުޓީނިއޯގެ ހަމައެކަނި ލަނޑުން ރެއާލް ސޮސިއެޑާޑް އަތުން ބާސެލޯނާ މޮޅުވި މެޗަށްފަހު އެކުލަބުގެ ދަނޑުގައި ވަނީ އިނިއެސްޓާގެ ޝަރަފުގައި ވަރަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
ދަނޑަށް ވަދެތިބި ލައްކައެއްހާ މީހުންނަށް ވަދާއީ ސަލާމް ކިޔަމުން އިނިއެސްޓާ ބުނީ "ބާސެލޯނާ އަކީ އޭނާއަށް ދުނިޔޭގެ އެންމެ މޮޅު ކުލަބު ކަމަށާއި، ބާސެލޯނާގެ ބެޖްގެ ޝަރަފާއި އިއްޒަތް ނެގެހެއްޓުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް،" ކަމަށެވެ.

"މިއީ ވަރަށް އުނދަގޫ ދުވަހެއް. އަހަރެންނަށް ވަރަށް ކާމިޔާބު 22 އަހަރު ހޭދަކޮށްދިން މިކުލަބުގައި. އަހަރެންގެ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން ކަލޭމެން މަތިން ވަރަށް މިސްވާނެ. ސަޕޯޓަރުން ދިން ލޯތްބަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން ކުޑަކުއްޖެއްގެ ގޮތުގައި މިތަނަށް އައި ދުވަހުން ފެށިގެން ބޮޑު މީހެއްގެ ގޮތުގައި އަހަރެން ދާއިރުވެސް ސަޕޯޓަރުން ދީފައިވާ ތާއިދަށް ޝުކުރިއްޔާ. އަހަރެން ހިތުގައި އަބަދުވެސް ކަލޭމެންވާނެ،" ވަރަށް ބޮޑަށް ރޮމުން އިނިއެސްޓާ ބުންޏެވެ.

މެޗަށް ފަހު ބާސެލޯނާއިން ވަނީ އިނިއެސްޓާ އަށް ރަމްޒީ ޖާޒީ އަކާއި ބާސެލޯނާގައި އޭނާ ހޯދި 22 ތަށީގެ ފޮޓޯއަކާއެކު ނަގާފައިވާ ހާއްސަ ޕޯސްޓަރެއް ހަދިޔާކޮށްފައެވެ.
އުމުރުން މިހާރު 34 އަހަރުގެ އިނިއެސްޓާ ވަނީ ބާސެލޯނާ އަށް 674 މެޗު ކުޅެދީފަ އެވެ. ބާސެލޯނާ ނޫން ޓީމަކަށް އޭނާ ކުޅެފައިނުވާއިރު އިނިއެސްޓާ އަކީ ސްޕޭނަށް ޔޫރޯ ދެ ފަހަރު އަދި ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ލަނޑު ޖެހި ކުޅުންތެރިޔާވެސްމެއެވެ.

ބާސެލޯނާ ދޫކޮށް އޭނާ ބަދަލުވާނީ ޗައިނާ ލީގަށެވެ.