ޚަބަރު

ފިތުރު ޒަކާތް ބަލައި ގަންނަން ފަށައިފި


ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ. ފިތުރު ޒަކާތް ބަލައިގަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނު ދިހަގަޑި ތިރީހުން މެންދުރު އެކެއް ޖެހުމާއި ހަމައަށެވެ.

ޒަކާތަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. ޒަކާތް ދިނުމަކީ ތިބާއަށް ލިބިފައިވާ މުދަލުން ފަޤީރުންނާއި، މިސްކީނުންނާއި، އެނޫންވެސް ޒަކާތް ލިބުން ޙައްގުވާ ފަރާތްތަކަށް ހޭދަކުރުމެވެ. މިއީ ކޮންމެ މުސްލިމެއްވެސް އަދާކުރުން ވާޖިބު އަޅުކަމެކެވެ.
ރާއްޖޭގައިވެސް އަންނަނީ ކޮންމެ ރަމަޟާންމަހަކު ގަވައިދުން ފިތުރު ޒަކާތް ބަަލައިގަނެ، އޭގެ ޙައްގުވެރިންނަށް ދެމުންނެވެ. އެގޮތުން މި އަހަރުގެ ފިތުރު ޒަކާތް މާލެއާއި، އަތޮޅުތަކުގައި މިހާރުވަނީ ބަލައިގަންނަން ފަށާފައެވެ. ފިތުރު ޒަކާތް ދައްކަންޖެހޭ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރުއެވެ. ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު އާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތުގެ 2.4 ކިލޯ ހަނޑުލަށްވާ ފައިސާއެވެ.
މާލޭގައި ދިރިއުޅޭ ފަރާތްތަކުން ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13ރުފިޔާ، ތައިލެންޑް ހަނޑުލުންނަމަ 43ރުފިޔާ، ބާސްމަތީ ހަނޑުލުންނަމަ 81 ރުފިޔާއެވެ.
މާލޭގައި ޒަކާތް ބަލައިގަންނަނީ އިސްލާމީ މަރުކަޒުގައި ޤާއިމުކޮށްފައިވާ މާލޭ ޒަކާތް ކަލެކްޝަން ސެންޓަރާއި، ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރާއި، ހައުސިންގ މިނިސްޓްރީގެ ވިލިމާލެ ޔުނިޓުންނެވެ. އަތޮޅުތެރޭގައި ޒަކާތް ބަލައިގަންނަނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. ނަމަވެސް ގދ.ތިނަދުއާއި، ފުވައްމުލަކު ސިޓީއާއި، އައްޑޫ ސިޓީގައި ޒަކާތް ބަލައިގަންނަނީ އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލާގަތުމަށް ކަނޑައަޅާފައިވާ ތަންތަނުންނެވެ.

ދިރާގާއި އުރީދޫއިން އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމްވަނީ ހަމަޖައްސާފައި. އެގޮތުން އުރީދޫ ކަސްޓަމަރުން *909# ޖެހުމުން ޒަކާތް ދައްކަންޖެހޭ ގޮތުގެ މަޢުލޫމާތު ލިބޭނެއެވެ. އަދި ދިރާގު ކަސްޓަމަރުން *123*8*1# ޖެހުމުން ޒަކާތް ދައްކަންޖެހޭގޮތުގެ ތަފްސީލް ލިބޭނެއެވެ.
މީގެއިތުރުން އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސްގެ އެޕްލިކޭޝަން މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމްވެސްވަނީ ހަމަޖައްސާފައެވެ.

ޒަކާތް ދެއްކޭ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 13ވަނަ ދުވަހެވެ.