ޚަބަރު

ޑެންގީ ހުމުން ރައްކާތެރިވަމާ!



އާންމުކޮށް މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ފެތުރޭ ދުވަސްވަރުއެވެ. ޑެންގީ ހުމަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔަކަށްވާއިރު، އާންމު ސިއްޙަތަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުޙިންމު ކަމެކެވެ.

ކޮންމެ އަހަރެއްގެވެސް މިދުވަސްވަރާ ދިމާކޮށް މާލެއާ އަތޮޅުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވާކަން ފާހަގަކުރެވެއެވެ. ޑެންގީ އަކީ މަދިރީގެ ޒަރީއާއިން ޖެހޭ ހުމެކެވެ. ޑެންގީގެ އަލާމަތްތަކުގެ ތެރޭގައި ހުންއައިސް، ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ލޮލުގެ ރިއްސުން ފަދަ އަލާމަތްތައް ހިމެނެއެވެ. ހުން އަންނަ ނަމަ ގިނަގައިން ދިޔާތަކެތި ބޭނުންކުރުމާއި، އަރާމުކުރުމާއި، ޕެރެސެޓަމޯލް ފިޔަވަ އެހެން ބޭހެއް ބޭނުން ނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުންނަ އަންނަތާ ތިން ދުވަހަށް ވުރެ ގިނަވެއްޖެނަމަ ލަސްނުކޮށް، ޑޮކްޓަރަށް ދެއްކުމަށް ކަމާބެހޭ ސިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ފަރުދީ ފެންވަރުގައި ގިނަ ފިޔަވަޅުތަކެއް އެޅިދާނެއެވެ. އެގޮތުން ތިމާ ދިރިއުޅޭ ގެ އާއި ގޯތިތިރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ސާފުކޮށް، ނައްތާލުމާއި، ފެން ހުސްކޮށް، ކުނި އަޅަން ޚާއްސަކޮށްފައި ހުރި ތަންތަން ފިޔަވަ އެހެން ތަންތަނަށް ކުނި ނޭޅުމާއި، ޑަސްބިނަށް ފެން ނޭޅޭ ގޮތަށް ބެހެއްޓުން ހިމެނެއެވެ. މަދިރި ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އަޅާ، މަދިރި ލޯޝަން ފަދަ ތަކެތި ބޭނުންކުރުމަކީވެސް ޑެންގީ ހުމުން ރައްކާތެރިވުމަށް އެޅިދާނެ މުޙިންމު ފިޔަވަޅުތަކެއް ކަމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ.

ޑެންގީ ހުމަކީ ފުރާނައަށްވެސް ނުރައްކާވާ ބައެއް މީހުންގެ ފިރާނަ ގެއްލިފައިވާ ނުރައްކާތެރި ހުމަކަށްވާތީ މަދިރި އާލާވުން މަދުކުރުމަށާއި، އެކަމަށް ޢާންމުން ޙޭލުންތެރިކަން އިތުރުކޮށް، ހުން ފެތުރޭ މިންވަރު ކޮންޓްރޯލްކޮށް، ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.