ކުޅިވަރު

ޗެލްސީގައި މަޑުކުރާނަން، އެކަމަކު ސްޓައިލް ބަދަލު ނުކުރާނަން: ކޮންޓޭ


ކުލަބުން ބޭނުންވާނަމަ ޗެލްސީގައި އޭނާ މަޑުކުރާނެ ކަމަށާއި، ނަމަވެސް އޭނާގެ ކޯޗިން ސްޓައިލް ބަދަލު ނުކުރާނެ ކަމަށް އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޕްރެމިއާ ލީގުގެ މިދިޔަ ސީޒަނުގެ ޗެމްޕިއަން ކޯޗު މިހެން ބުނީ މި ސީޒަނުގައި ފަސް ވަނައަށް ވެއްޓުނު ނަމަވެސް ރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، އެފްއޭކަޕް ކާމިޔާބު ކުރުމަށްފަހު އެވެ.
ކޮންޓޭ މިހެން ބުނެފައިވީ ނަމަވެސް އޭނާގެ މަޤާމު އޮތީ ސުވާލުމާކެއްގެ ތެރޭގައެވެ.

"މިކަހަލަ (ނަތީޖާދަށް) ސީޒަނަކަށް ފަހު، ވަރަށް ގިނަ ސުވާލުތައް ކުރިމަތިވާނެ. ކުލަބުން ބޭނުން ކޮންމެ ނިންމުމެއް ނިންމިދާނެ. ކޯޗުންގެ ވަޒީފާ އަކީ އުނދަގޫ މަޤާމެއް. އަހަރެން ޤަބޫލުކުރާނަން ކޮންމެ ނިންމުމެއްވެސް. އަހަރެން މިހުރީ ކުލަބުގައި މަޑުކުރަން. ނިމިދިޔަ ދެ ސީޒަނަށް ފަހު އަހަރެން މިކުލަބަށް، މި ޓީމުގެ ސަޕޯޓަރުންނަށް ހިތްޖެހިއްޖެ،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ އޭނާ އަކީ ކާމިޔާބު ކޯޗެއް ކަމަށާއި، އަބަދުވެސް ބަލަނީ އެވަގުތެއްގައި ލިބިފައިވާ ވަސީލަތްތަކާއި ކުޅުންތެރިންނާއެކު ކާމިޔާބު ހޯދަން ކަމަށެވެ. މި ސީޒަނުގައި ޗެލްސީއަށް ހޯދުނު ނަތީޖާއަކީ ޓީމުގައި ހުރި ފެންވަރު ކަމަށާއި، ނަތގިޖާ ރަނގަޅު ކުރަން އޭނާ އާއި ކުޅުންތެރިން ގަދަ އަޅައި މަސައްކަތް ކުރި ކަމަށެވެ.
ނަތީޖާ ގޯސްވެއްޖެނަމަ ޗެލްސީއަކީ ވަރަށް އަވަހަށް ކޯޗުން ބަދަލު ކުރާ ކުލަބެކެވެ. ނަމަވެސް އެންމެ ފަހު ގޮތް ނިންމާނީ ކުލަބުގެ ވެރިޔާ ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮމޮވިޗެވެ.