ޚަބަރު

ވަޅޯމަސް ކިލޯއެއް 120 ރުފިޔާއާއި 140 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި


ކޮންމެ އަހަރެއްގެވެސް ރޯދަމަހަކީ ވަޅޯމަހަށް އޮންނަ ޑިމާންޑް ބޮޑު ދުވަސްވަރެކެވެ. މި އަހަރުގެ ރޯދަމަހުވެސް ވަޅޯމަސް މާރުކޭޓުން އާއްމުކޮށް ދިވެހިން ހެދިކާއާއި އެހެން ބާވަތްތަކުގެ ކާތަކެތި ހެދުމަން ބޭނުންވާ އެކިކަހަލަ މަހުގެ ބާވަތްތައް ލިބެންއެބަހުއްޓެވެ.

އެންމެ ގިނައިން ޢާއްމުން ގަންނަ މަހުގެ ބާވަތްކަމަށްވާ ވަޅޯމަސް ކިލޯއެއް މާރުކޭޓުގައި އާއްމުކޮށް ގަންނަން ލިބެން ހުރީ 120 ރުފިޔާއާއި 140 ރުފިޔާއާއި ދެމެދު އަގުތަކެއްގައެވެ.

ހިކި މަސް ކިލޯއެއްގެ އަގު ހުރީ 100 ރުފިޔާއާއި 120 ރުފިޔާއާއި އާއި ދެމެދުގެ އަގެއްގައެވެ. ރަބަރު ޕެކެޓުގައި ވެކިއުމްކޮށް ބަންދުކުރި ވަޅޯމަސް ޕެކެޓު ލިބެންހުރީ ކިލޯއެއް 140 ރުފިޔާއަށެވެ. ތުނިކޮށް ކޮށައި ޕެކެޓުކޮށްފައިހުރި ހިކި މަސް ޕެކެޓު ލިބެން ހުރީ ބައިކިލޯ 100 ރުފިޔާއަށެވެ. އަދި ހެދިކާހަދަން ޢާއްމުކޮށް ބޭނުންކުރާ ކުނޑި މަސް ޕެކެޓު ކިލޯއެއް ހުރީ 100 ރުފިޔާއަށެވެ.

ރޯދަމަހަކީ އެހެން މަސްމަހާ ޚިލާފަ ރިހާކުރަށްވެސް ޑިމާންޑް އޮންނަ މަހެކެވެ.
އެގޮތުން މާރުކޭޓުގައި ބޮޑު ރިހާކުރު ފުޅިއެއް ގަންނަން ލިބެން ހުރީ 280 ރުފިޔާއާއި 300 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.
މާރުކޭޓުގެ ގޮޅިތަކުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެފައިވަނީ މުޅި ރޯދަމަހުވެސް މި އަގުތަކުގައި މަހުގެ ބާވަތްތައް ލިބެން ހުންނާނެކަމަށް ލަފާކުރެވޭކަމަށެވެ.