ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ


ރާއްޖެއަށް މިހާރު ކުރަމުން ދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ ދެކުނާއި ހުޅަނގު ދެކުނުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭއިރު، މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މުސުމާބެހޭ އިދާރާއި ބުނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް އެއިދާރާއިން ބުނެއެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، މޫސުމާބެހޭ އިދާރާއާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ކޯސްޓުގާޑުފަދަ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުކަންދިނުން މުހިންމެވެ. އަދި ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެން ވަދެ ލިބިދާނެ ގެއްލުމަކަށްވެސް ދުރާލައި ރައްކާތެރިވުމަށް ސަމާލުވުން މުހިންމެވެ.