ކުޅިވަރު

އެންމެ މެޗަކުން މުޅި ސީޒަން މިނާނުލެވޭނެ: މޮރީނިއޯ


އިނގިރޭސި އެފްއޭކަޕް ފައިނަލްގައި މިރޭ ޗެލްސީ އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި ނަމަވެސް، މި ސީޒަން ނާކާމިޔާބު ސީޒަނަށް ނުވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޗެލްސީގެ އެންމެ ކާމިޔާބު ކޯޗު އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ނުކުތުމުގެ ކުރިން މިހެން ބުނީ މި މެޗަކީ މި ސީޒަނުގައި ދެ ޓީމަށް ވެސް ތަށްޓެއް ކާމިޔާބު ކުރުމަށް ބާކީ އޮތް ހަމައެކަނި މެޗަށް ވެފައިވަނިކޮށެވެ.

"އެންމެ މެޗަކުން އަހަރެން މުޅި ސީޒަން މިނާކަށް ނެތިން. ކަލޭމެން (ނޫސްވެރިން) ބޭނުން ގޮތަކަށް ނިންމަންވީ. އަހަރެން ދެކޭ ގޮތުގައި ތަށި ނުލިބުނަސް މިއީ އަހަރުމެންނަށް ކާމިޔާބު ސީޒަނެއް،" މޮރީނިއޯ ބުންޏެވެ.

އިނގިރޭސި ލީގު ޔުނައިޓެޑުން މިފަހަރު ނިންމާލީ ދެ ވަނާގައެވެ. މިއީ 2013 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑް ދެވަނަ އަށް ވެސް އެރި ފުރަތަމަ ފަހަރެވެ. މޮރީނިއޯ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ސީޒަނުގައެވެ. އޭނާ ވަނީ ފުރަތަމަ ސީޒަނުގައި ޔޫރޮޕާ ލީގާއި ލީގުކަޕް އަދި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.

ޗެލްސީ އަށް މި ސީޒަނަކީ ނާކާމިޔާބު ސީޒަނެކެވެ. މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގުގެ ޗެމްޕިއަނުން މިފަހަރު ލައްވާލީ ފަސްވަނާގައެވެ. މިހެންވެ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވެސް ޖާގަ ވަނީ ގެއްލިފަ އެވެ. މިހެންވެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ މަގާމު އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ.
އޭނާ ބުނީ މިއީ ދަތި ސީޒަނެއް ކަމަށާއި މިރޭގެ މެޗަކީ މި ސީޒަނުގައި އޭނާގެ ފަހު މެޗު ކަމަށެވެ. ނަމަވެސް ކުރިމަގާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކިއެވެ.

"ތައްޓަކާއެކު ނިންމާލަން މިއީ ލިބޭނެ އެންމެ ފަހު ފުރުސަތު. އަހަރުމެންނަށް އޮތީ މަސައްކަތް ކުރުން،" ކޮންޓޭ ބުންޏެވެ.