ކުޅިވަރު

އަހަރެން ބާކީ ކުރުން ބަލައިގަންނަން ދަތި: ޖޯ ހާޓް


ވޯލްޑް ކަޕަށްދާ އިނގިރޭސި ޤައުމީ ޓީމުން ގޯލްކީޕަރު ޖޯ ހާޓް ވަކި ކުރުމަކީ ބަލައިގަންނަން އުނދަގޫ ނިންމުމެއް ކަމަށް އޭނާ ބުނެފިއެވެ.

ކޯޗު ގެރެތް ސައުތްގޭޓް ނެގި ކީޕަރުން ޖޯ ހާޓް ބާކީކުރީ ޕްރެމިއާ ލީގުގައި ހާޓް ކުޅެފައިވާ މެޗުތައް މަދުވުމުންނެވެ. ނަމަވެސް އިނގިރޭސިން ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން ކީޕަރަކީ އޭނާ އެވެ. ހާޓް ވަނީ ކޮލިފައިންގެ 10 މެޗުގެ ތެރެއިން 9 މެޗުގައި ކުޅެފައެވެ.

"އަހަންނަށް އެނގޭ އަހަންނަށް ޓީމަށް ކޮށްދެވިދާނެ ކަންތައްތައް. އެކަމަކު ކަންތައްތައް އޮތްގޮތް މިއޮތީ ފެންނަން. ޓީމުގައި ނެތަސް އަހަރެން އިނގިރޭސި ގައުމީ ޓީމަށް ސަޕޯޓަކުރާނަން. އަހަރެން އަތުގައި މިފަހަރު އޮތީ ސަޕޯޓަރުންގެ ޖާޒީ،" ހާޓް ބުންޏެވެ.

ހާޓްއަކީ އެންމެ ފަހުގެ ވޯލްޑް ކަޕާއި ޔޫރޯގެ ދެ މުބާރާތުގައި އިނގިރޭސި އެއްވަނަ ކީޕަރެވެ. އޭނާއަށް މައްސަލަ ދިމާވީ މެންޗެސްޓާ ސިޓީގެ ކޯޗުކަމާ މީގެ ދެ އަހަރު ކުރިން ޕެޕް ގާޑިއޯލާ ހަވާލުވި ހިސާބުންނެވެ. ގާޑިއޯލާ ބޭނުން ނެތުމުން ހާޓް މިދިޔަ ސީޒަނުގައި ކުޅުނީ އިޓަލީގައެވެ. އަލުން ޕްރެމިއާ ލީގަށް އައިސް އޭނާ އަށް ވެސްޓްހޭމްގެ ފުރަތަމަ 11އިން ޖާގަ ލިބިފައިވަނީ މަދު ފަހަރަކުއެވެ.
ކޯޗު ސައުތުގޭޓް ބުނީ ހާޓް ޓީމުން ބާކީކުރުމަކީ އޭނާ ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށެވެ. ހާޓްގެ އިތުރުން ޖެކް ވިލްޝެއާ ވެސް ވަނީ ބާކީކޮށްފަ އެވެ. މިކަމާ ވިލްޝެއާ ހިތްހަމަނުޖެހުނު ނަމަވެސް ކޯޗު ބުނީ ވިލްޝެއާ އަށް ފުރުސަތު ނެތީ ވާދަވެރި މެޗުތައް ކުޅެފައިވާ މިންވަރު މަދުވުމުން ކަމަށެވެ.

އިނގިރޭސި ގައުމީ ޓީމަށް މިފަހަރު ނަގާފައިވާ 23 ކުޅުންތެރިންނަށް ބަލާއިރު މިއީ ވަރަށް ޒުވާން އަދި ބެލެންސް ޓީމެއް ކަމަށް ކޯޗު ބުންޏެވެ.