ޚަބަރު

އިސްރާއީލުން ހިންގާ ޖަރީމާތައް ތަހުޤީޤުކުރުމަށް މިނިވަން ކޮމިޝަނެއް އުފައްދަން ރާއްޖެއިން ތާއީދުކޮށްފި


ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހިންގާ ޖަރީމާތައް ތަހުޤީޤުކުރުމަށް މިނިވަން ކޮމިޝަނެއް އުފައްދަން އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުން ނިންމި ނިންމުމަށް ރާއްޖެއިން ތާއީދުކޮށްފިއެވެ. ފަލަސްޠީނުގެ ޣައްޒާ އާއި އިސްރާއީލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި މުޒާހަރާ ކުރަމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދަނީ ހުއްޓުމެއްނެތި ލާއިންސާނީ ހަމަލާތައްދީ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހިންގާ ޖަރީމާތައް ތަހުޤީޤުކުރުމަށް މިނިވަން ކޮމިޝަނެއް އުފައްދަން އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުން ނިންމި ނިންމުމަށް ރާއްޖެއިން ތާއީދުކޮށް ވާހަކަދައްކާފައިވަނީ އދ.ގައި ކުރިޔަށްދިޔަ ހާއްސަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ ހާލާ ހަމީދު ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހު އިސްރާއީލު ސަލާމަތީ ބާރުތަކުން ހިންގާފައިވަނީ ބޮޑު ގަތުލު އާމެއްކަމަށެވެ. ސުލްހަވެރިކޮށް މުޒާހަރާކުރަމުންދިޔަ ފަލަސްތީނުގެ އެތައް ބައެއްގެ ގަޔަށް ބަޑި ޖަހާފައިވާތީ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާ، ރައްޔިތުން ފަލަސްތީނު ރައްޔިތުންނާއި އެކު ވާކަމަށް ހާލާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ޣައްޒާ އާއި އިސްރާއީލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި މިމަހުގެ 14 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުން ކުރި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި ވަނީ ފަލަސްޠީނުގެ ފަސްދޮޅަހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.
މީގެ ތެރޭގައި 18 އަހަރުގެ ދަށުގެ 6 ކުދިން ހިމެނޭ ކަމަށް ފަލަސްޠީނުގެ ސިއްހަތާ ބެހޭ އިދާރާއިން ބުނެއެވެ. މިއީ 2014 ވަނަ އަހަރަށްފަހު އިސްރާއީލުން ދިން ހަމަލާތަކުގައި، ސައުވީސް ގަޑިއިރު ތެރޭ ފަލަސްޠީނުގެ އެންމެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝަހީދުކޮށްލި ފުރަތަމަ ފަހަރެވެ. މިދިޔަ މާރިޗް މަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިވަނީ 97އަށް އަރާފައެވެ.

އިސްރާއީލުގެ މި އަމަލު ކުށްވެރިކޮށް ގިނަ ޤައުމުތަކުން ދަނީ އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހަކީ ފަލަސްޠީނުން ނަކްބާ ނުވަތަ މުސީބާތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. އެ ދުވަހަކީ 1948 ވަނަ އަހަރު އިސްރާއީލުގެ ޔަހޫދީ ދަޢުލަތް އުފެއްދުމަށް ކަމަށް ބުނެ، ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީން ގަދަކަމުން ވެރިވެގަނެ، އެ ޤައުމުގެ އެތަށް ހާސް ބަޔަކު ފައްސާލި ދުވަހެވެ.