ޚަބަރު

ބާޒާރުގައި ތަކެތި މަދުވުމުން ތަކެތީގެ އަގުތައް މައްޗަށް ނުޖެއްސުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފި


ބާޒާރުގައި ތަކެތި މަދުވުމަކީ ނުވަތަ ހުސްވުމަކީ، އެތަކެތީގެ އަގު އުފުލުމަށް އޮތް ސަބަބެއްކަމަށް ނުހެދުމަށް ދިވެހި ވިޔަފާރިވެރިންނަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. ރަމަޟާންމަހަކީ އެހެން މަސްމަހާއި އަޅާބަލާއިރު، ކާބޯތަކެތީގެ ބާވަތްތަކަށް އޮންނަ ޑީމާންޑް އިތުރުވާ މަހެއްކަމުން، ރަމަޟާންމަހާއި ދިމާކޮށް، ތަކެތީގެ އަގު އުފުލުމަކީ އާއްމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

ރަމަޟާން މަހާއި ގުޅިގެން ދިވެހިން އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް އަގުބޮޑުވުމުގެ މައްސަލައަކީ ކޮންމެ އަހަރަކުވެސް ދިމާވާ މައްސަލައެކެވެ. މިކަމަށް އެކަށީގެންވާ ހައްލެއް ހޯދާ، ތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކާ ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރަމަޟާންމަހު އާއްމުކޮށް ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ބާވަތްތައްކަމަށްވާ ފިޔާ، އަލުވި އަދި ބިސް ހެޔޮއަގުގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކާ އެސް.ޓީ.އޯ މެދުވެރިކޮށް ކޮންޓްރޯލް އަގެއްގައި އެތަކެތި ވިއްކަމުންދެއެވެ.

ޕީ.އެސް.އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދެއްވަނީ ވިޔަފާރިވެރިންނަށްވެސް ހުޅުވާލެވިފައިވާ މާހައުލެއްގެ ތެރެއިން ވީހާވެސް ހެޔޮއަގުގައި އާއްމުންނަށް ތަކެތި ލިބޭނެ ނިޒާމެއް ޤާއިމުކުރުމަށް ކަމަށެވެ. ނަމަވެސް ބާޒާރުގައި ތަކެތި މަދުވުން ނުވަތަ ހުސްވާ ހާލަތްތަކުގައި، އެތަކެތީގެ އަގު އިންތިހާއަށް ބޮޑުކުރުމަކީ ބައެއް ވިޔަފާރިވެރިންގެ ފަރާތުން މަދުންނަމަވެސް ފެންނަ މަންޒަރެއްކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކުން ތަކެތީގެ އަގުބޮޑުކުރުމަށް މަޖުބޫރުވާފަދަ އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާކަން ފާހަގަކުރައްވަމުން ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، މިއީ ވިޔަފާރިވެރިންވެސް ފަރުދީ ޒިންމާ ކުރިއަށްނެރެގެން ވިސްނާލުން މުހިއްމުކަމެއްކަމަށެވެ.

"މިނިސްޓްރީން ހަމަކުރާ އިލްތިމާސްއަކީ ބާޒާރުގައި ތަކެތި މަދުވުން ނުވަތަ ތަކެތި ހުސްވުމަކީ އެތަކެތި ހުރި ފަރާތްތަކުން އެތަކެތި އަގުބޮޑުކުރުމަށް އޮތް ސަބަބެއްކަމުގައި ނުހައްދަވާށޭ. ހަމަ އެބޭފުޅުންނަށް ލިބިފައިހުރި އަގުގަ ވިއްކަވާށޭ. ހަމަގައިމުވެސް ދިވެހި ސަރުކާރަކުން، އިކޮނޮމިކް މިނިސްޓްރީއަކުން އަދި އެހެން މިނިސްޓްރީއަކުންވެސް ތަކެތި އަގުބޮޑުވާންޖެހޭ ކަހަލަ އެއްވެސް ފިޔަވަޅެއް ނާޅުއްވާ. އެއްވެސް ސަބަބެއް މެދުވެރިއެއް ނުކުރޭ. ނަގާ ޓެކްސްއެއް އިތުރުވީއަކީއެއް ނޫން. ދަޢުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކްސްއެއް އިތުރުކުރީއަކީއެއްނޫން. ނުވަތަ ފައިސާއެއް އިތުރުވީއެއްނޫން. އެއްވެސް ޖޫރިމަނާއެއް ކުރީއެއްނޫން. ނުވަތަ އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް އައި ބަދަލެއްގެ ސަބަބުން އަގުބޮޑުވާންޖެހޭ ސަބަބެއް އޮތީއެއްނޫން. އެހެންވީމަ އަގުބޮޑުވާން އޮތް ސަބަބަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ތަކެތި މަދުވީމަ އަގުބޮޑުކުރަނީ" ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، ހުރިހާ މުދަލެއްގެ އަގުތައް ކޮންޓްރޯލްކޮށް، ކުދި ވިޔަފާރިތައް ހުއްޓުވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށާއި، އެހެންނަމަވެސް ތަކެތީގެ އަގުތައް އަތްނުފޯރާވަނަ އުފުލޭނަމަ، އެކަން ކޮންޓްރޯލްކުރުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ.

"ސަރުކާރުގެ ވިސްނުމެއް ނޫން ސީދާ ކޮންމެ އެއްޗެއްގެ އަގުތައް ކޮންޓްރޯލްކުރުމަކީ. ސަރުކާރުގެ ވިސްނުންހުރީ އަގުމައްޗަށްދާ ތަކެތި އަގުހެޔޮކޮށް ލިބޭނެ ނިޒާމެއް ޤާއިމުކޮށްދިނުން. އެކަން އެގޮތަށް ކުރުމުން ބައެއްކަހަލަ ކުދި ވިޔަފާރިތަކަށް ލޮޅުން އަރާތީވެ އެކަމުގެ ޝަކުވާވެސް އާދޭ. އެހެންނަމަވެސް އަޅުގަނޑުމެން މިދަންނަވަނީ އެ ވިޔަފާރިއަކުން ތަކެތި އަގުހެޔޮކޮށް ވިއްކައިދޭށޭ. ބާޒާރުގައި ތަކެތި ހުސްވުމަކީ، އޭގެ އަގު އިންތިހާއަށް ބޮޑުކުރުމަށް އޮތް ސަބަބެއް ނޫނޭ. ހަމަ ހިތާމައާއެކު ފާހަގަކޮށްލަންޖެހޭ ބައެއް ވިޔަފާރިތަކުގައި ބާޒާރުގައި ތަކެތި މަދުވެލާއިރަށް އެތަކެތި މަދުބައެއްގެ އަތުގައި ހުރީމަ އިންތިހާއަށް އަގުބޮޑު ކޮށްލަނީ. އެހެންވީމަ ބާޒާރުން އެއްޗެއް ހުސްވުމަކީ ނުވަތަ މަދުވުމަކީ ރައްޔިތުން އަތްނުފޯރާހާ މިންވަރަށް އެތަކީގެ އަގު އިންތިހާއަށް ބޮޑުކުރަންޖެހޭ ސަބަބެއްކަމަށް ނުހައްދަވާށޭ " ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނާއި އިކޮނޮމިކް މިނިސްޓްރީން ބައްދަލުކޮށްފައިވާއިރު، ދިވެހިން އާއްމުން ބޭނުންކޮށް އުޅޭ ބާވަތްތަކަށް ދަތިކަމެއް ނައިސް ލިބެން ހުންނާނެކަމުގެ ޔަޤީންކަން އެފަރާތްތަކުން ދީފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. ހަމައެހެންމެ މިއަހަރުގެ ރަމަޟާންމަހަށް ކުރިމަތިލީއިރު، ކާޑުގެ ބާވަތްތަކުގެ އަގުހެޔޮވެފައިވާއިރު، މިދިޔަ އަހަރާއި އަޅާބަލާއިރު، ބާޒާރުގައިވެސް ތަކެތީގެ އަގުތައް ހެޔޮވެފައިވާކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ.

ޓޫޑޮލާ

އަޅެ ތިހެން ބުންޏަކަސް ނެތް ތާކުން ނެރެފަ ވިއްކަން ވީމަ އެންމެ އަގު ބޮޑުކޮށް ދޯ ވިއްކޭނީ. ޑިމާންޑާ ސަޕްލައި ދިމާނުވަންޏާ!! މަސްވެރިޔަކު ދަޑުވެރިކަމާ ބެހޭ ވުޒާރާއަށް ލީމަ ވާނެކަހަލަ ގޮތެއް ތީ