ޚަބަރު

އުތުރު ކޮރެއާ އާއި އެމެރިކާގެ ގުޅުމަށް އަނެއްކާވެސް ހިޔަނި އެޅެނީ

އެއްވެސް ޝަރުތަކާ ނުލައި އުތުރު ކޮރެއާއިން އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރުތައް ދޫކޮށްލުމަށް އެމެރިކާއިން ގޮވާލާނަމަ، އަންނަ މަހު ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި އުތުރު ކޮރެއާ ބައިވެރިނުވާނެކަމަށް ބުނެ، އެ ޤައުމުން އިންޒާރު ދީފިއެވެ.

އުތުރު ކޮރެއާގެ ޒަޢީމު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާއްވާ ތާރީޚީ ބައްދަލުވުން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހަށެވެ. އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައިގައި އެ ޤައުމާ ސަރަހައްދުގެ އެހެން ޤައުމުތަކާއި ދުނިޔޭގެ ބާރުތަކާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ނިމުމެއް އަންނާނެކަމަށް ބެލެވިފައި މި ވަނީ، އުތުރު ކޮރެއާއިން މިކަމާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއްވެސް އަޅާފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅަކީ ހުސްވި އޭޕްރިލްމަހު ދެކުނު ކޮރެއާ ގައި ދެ ޤައުމުގެ އިސްވެރިން ބޭއްވެވި ސަމިޓެވެ. މި ސަމިޓުގައި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ވަނީ ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އެއްބަސްވެވަޑައިގެންފައެވެ.

އެހެންނަމަވެސް އުތުރު ކޮރެއާއިން މިހާރު މި ވަނީ، މިކަމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކާމެދު ސުވާލު އުފެދޭފަދަ އިޢުލާނެއްކޮށްފައެވެ. ބުދަ ދުވަހު އުތުރު ކޮރެއާގެ ދައުލަތުގެ ޓީވީ ކޭ.ސީ.އެން.އޭ.އިން، އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ ނާއިބު ކިމް ކަޔެ ގްވަންއާ ހަވާލާދީ ބުނެފައިވަނީ، އެމެރިކާއިން އުތުރު ކޮރެއާއަށް ފިއްތުންތައް ކުރިމަތިކުރުވައިގެން އުތުރު ކޮރެއާގެ ނިއުކްލިޔަރ ޕްރޮގްރާމް ދޫކޮށްލުމަށް އެ ޤައުމަށް މަޖުބޫރުކުރާނަމަ، އެމެރިކާއާއެކު މަޝްވަރާކުރުމަށް އުތުރު ކޮރެއާއިން އެއްވެސް ޝައުޤުވެރިކަމެއް ނެތްކަމަށެވެ. އަދި މިކަން މިގޮތަށް ކުރިއަށްގެންދާނަމަ އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އުތުރު ކޮރެއާ އެމެރިކާ ސަމިޓްގައި އުތުރު ކޮރެއާއިން ބައިވެރިނުވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ވެސް އޭނާއާ ހަވާލާދީ ކޭ.ސީ.އެން.އޭ.އިން ރިޕޯޓްކުރިއެވެ. ކިމް ވިދާޅުވީ، ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އުތުރު ކޮރެއާގެ ހުރި ވިސްނުން މިހާރު ހިއްސާކޮށްފައިވާނެ ކަމަށާއި އެމެރިކާއިން މީގެކުރިންވެސް ވަނީ އުތުރު ކޮރެއާގެ ނިއުކްލިޔަރ ޕްރޮގްރާމް ދޫކޮށްލުމަށްވެސް ޝަރުތުކޮށްފައި ކަމަށެވެ. އުތުރު ކޮރެއާއިން ވަނީ ދެކުނު ކޮރެއާއެކު އެ ޤައުމުން މިހާރު ކުރިއަށްގެންދާ ދޭދޭ ގުޅުމުގެ މަޝްވަރާތައް ވެސް މެދުކަނޑާލާނެކަން އިޢުލާނުކޮށްފައެވެ.

މި ހަފުތާގެ އާދިއްތަދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ، އުތުރު ކޮރެއާއިން އެއްވެސް ޝަރުޠަކާ ނުލައި އެ ޤައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް ދޫކޮށްލައިފިނަމަ އެމެރިކާއިން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް ލުއިކުރާނެ ކަމަށެވެ. އަދި މިއާއެކު އެ ޤައުމަށް އިޤްތިޞާދީ އެތައް ފައިދާއެއް ލިބިގެންދާނެ ކަމަށްވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.