ޚަބަރު

އިރާނުގެ ނިއުކްލިޔަރ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރަން އީ.ޔޫ. އިން ނިންމައިފި


އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި 2015 ވަނަ އަހަރު ޤާއިމުކުރި އެއްބަސްވުން އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް ވިލާތުގެ ބާރުތަކުން އެއްބަސްވެއްޖެއެވެ.

މިކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބެލްޖިއަމްގެ ބްރަސަލްސްގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކުރިއަށް އޮތް ދެތިން ހަފުތާތެރޭގައި، ވިލާތުގެ ބާރުތައް ކަމަށްވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުން އީރާނާއެކު އެކި ފެންވަރުގެ މަޝްވަރާތައް ކުރިއަށްގެންދާނެކަމަށް، ވިލާތުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ފެޑްރިކާ މޮގެރީނީ ވިދާޅުވިއެވެ.

މި މަޝްވަރާތަކުގައި، 2015 ވަނަ އަހަރުގެ އެއްބަސްވުމުން ވަކިވެފައިވާ އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި ހާލަތެއްގައި އީރާނާއި ވިލާތުގެ ކުންފުނިތަކުން ވިޔަފާރީގެ މުޢާމަލާތްތައް ކުރާނެ ގޮތްތައް ހިމެނޭކަމަށްވެސް މޮގެރީނީ ވިދާޅުވިއެވެ.

މޮގެރީނީ ވިދާޅުވީ،2015 ވަނަ އަހަރުގެ ނިއުކްލިޔަރ އެއްބަސްވުން އޭގެ އެންމެ ފުރިހަމަ ގޮތުގައި، ބިނާކުރަނިވި ވެއްޓެއްގައި ތަންފީޒުކުރުމަށް، ވިލާތުގެ ބާރުތަކުން ތައްޔާރުކަމަށެވެ. އެމެރިކާއިން 2015 ވަނަ އަހަރުގެ އެއްބަސްވުމުން ވަކިވީ، އެ އެއްބަސްވުމަކީ ހަމައެކަނި އީރާނަށް ފައިދާވާ އެއްބަސްވުމެއް ކަމަށް ބުނުމަށްފަހުގައެވެ.