ޚަބަރު

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނާއިބު އަންވަރު އިބްރާހިމުގެ ޖަލު ޙުކުމް މަޢާފުކޮށްދީފި


ބަދުއަޚުލާޤީ މައްސަލައިގައި ޖަލު ޙުކުމެއް ތަންފީޒުކުރަމުންދިޔަ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އަންވަރު އިބްރާހިމަށް މަޢާފުދެއްވައިފިއެވެ. އޭނާއަށް މަޢާފުދީ މިނިވަން ކުރައްވާފައިވަނީ، މެލޭޝިޔާގެ ރަސްގެފާނަށް ލިބިވަޑައިގެންފައިވާ ޚާއްޞަ އިޚުތިޔާރުގެ ދަށުންނެވެ.

މެލޭޝިޔާގެ މިހާރުގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު، 1983 ވަނަ އަހަރުން 2003 ވަނަ އަހަރާ ހަމައަށް މެލޭޝިޔާގައި ބޮޑުވަޒީރުކަން ކުރެއްވާފައިވާއިރު އަންވަރު ވަނީ، 1993 ވަނަ އަހަރުން 1998 އަހަރަށް ބޮޑު ވަޒީރުގެ ނާއިބުކަން ކުރައްވާފައެވެ. އެހެންނަމަވެސް، 1998 ވަނަ އަހަރު މަހާތިރާއި އަންވަރާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދިގެން ދިޔައިރު މަހާތިރު ވަނީ އޭނާގެ ނާއިބު މަޤާމުން ވަކިކުރައްވާފައެވެ.

އެއަށްފަހު ކޮރަޕްޝަންގެ ތުހުމަތުތަކުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ތުހުމަތުތަކާ ގުޅިގެން ހިންގި ޝަރީޢަތުގައި އޭނާއަށް ވަނީ ހަ އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވާފައެވެ. އޭގެ ދެ މަސް ދުވަސް ފަހުން، ބަދުއަޚުލާޤީ ޢަމަލެއް ހިންގިކަމަށް ބުނެ ކުރި ތުހުމަތުގެ ޝަރީޢަތުގައި އޭނާއާ ދެކޮޅަށް ނުވަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.

އެއަށްފަހު 2004 ވަނަ އަހަރު އޭނާއާ ދެކޮޅަށް ކުރި ހުކުމް ކޯޓުން ބާޠިލްކުރިނަމަވެސް 2013 ވަނަ އަހަރު އަނެއްކާވެސް އެ ޙުކުމް ތަންފީޒުކުރަން ޖެހޭނެކަމަށް ކޯޓުން ޢަމުރުކުރިއެވެ. މިނިވަންވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ، މެލޭޝިޔާގެ ސިޔާސީ މަސްރަހު މިވަނީ، އާ ފަތިހަކަށް މަރުޙަބާ ކިޔާފައިކަމަށެވެ.

އަދި ވޭތުވެދިޔަ އަހަރުތަކުގައި، މެލޭޝިޔާގެ ރައްޔިތުން، މިނިވަންކަމާއި ޑިމޮކްރަސީގެ އުސޫލުތަކުގައި ހިފަހައްޓައިގެން ތިބި ތިބުމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އަންވަރު ވިދާޅުވިއެވެ. މަހާތިރުގެ ސަރުކާރުގައި އަންވަރު އަދާކުރައްވާނެ ދައުރާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

އެހެންނަމަވެސް އަންގާރަ ދުވަހު މަހާތިރު ވިދާޅުވެފައިވަނީ، އެ މަޤާމުގައި އޭނާ ހުންނަވާނީ ގިނަވެގެން ދެ އަހަރު ދުވަހަށްކަމަށެވެ.