ކުޅިވަރު

ގޮޓްޒޭ ބާކީކޮށް، ނޯޔާއަށް ޖަރުމަނު ސްކޮޑުން ފުރުސަތު ދީފި


އެންމެ ފަހުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިން ފޯވަޑް މާރިއޯ ގޮޓްޒާ ބާކީކޮށް، އަނިޔުގައި ހުރި ކީޕަރު މެނުއަލް ނޯޔާ އަށް އަންނަ މަހު ފަށާ ވޯލްޑް ކަޕަށް ތައްޔާރުވާ ޖަރުމަނު ސްކޮޑުން ޖާގަ ދީފިއެވެ. ނަމަވެސް ސްކޮޑުގައި ހަތަރު ކީޕަރުން ހިމަނާފައިވުމުން މުބާރާތަށް ދިއުމުގެ ކުރިން ކޮންމެވެސް އެއް ކީޕަރަކު ބާކީ ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ދިފާއީ ޗެމްޕިއަން ޓީމުގެ ކޯޗު ޖޯހިމް ލޯ އެކުލަވާލި ސްކޮޑުން ގޮޓްޒޭ ބާކީކުރިއިރު އަންދްރޭ ޝޫލާ އަށް ވެސް ވަނީ ފުރުސަތު ގެއްލިފައެވެ. ނޯޔާ އަށް ފުރުސަތު ދީފައިވާއިރު މިދިޔަ ސެޕްޓެމްބަރު މަހު ފަޔަށް ލިބުނު އަނިޔާގެ ސަބަބުން މިހާތަނަށް އޭނާ އަދި އެންމެ މެޗެއް ވެސް ނުކުޅެއެވެ. ނަމަވެސް އެންމެ ފަހުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރު އަންނަނީ މުބާރާތަށް ފިޓްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ޖަރުމަނު ޓީމުން ޖާގަ ދީފައިވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގެން އާއި ރެއާލް މެޑްރިޑުގެ ޓޯނީ ކްރޫސް އާއި ބަޔާން މިއުނިކްގެ ތޯމަސް މުލާ އާއި ޖެރޯމް ބޯޓެން އާއި މަޓްސް ހުމެލްސް، ހޯޝުއާ ކިމިޗް ހިމެނެއެވެ. އިނގިރޭސި ލީގުން ޓީމަށް ނަގާފައިވަނީ މެންޗެސްޓާ ސިޓީގެ ލެރޯއީ ސާނޭ އާއި އިކާއީ ގުންޑޮގަން އަދި ޗެލްސީގެ އެންޓޯނިއޯ ރުޑިގާ އާއި އާސެނަލްގެ މެސުޓް އޮޒިލްއެވެ. އަނިޔާގެ ސަބަބުން އެންމެ ފަހުގެ ވޯލްޑް ކަޕާއި ޔޫރޯގައި ނުކުޅެވުނު ބޮރޫޝިޔާ ޑޯޓްމުންޑްގެ ކެޕްޓަން މާކޯ ރޮއިސް ވަނީ ޓީމުގައި ހިމަނާފައެވެ.

ސްކޮޑް އިއުލާނު ކުރުމުގެ ކުރިން ކޯޗު ލޯވަނީ 2022 ވަނަ އަހަރާ ހަމައަށް މަޤާމުގައި ހުރުމަށް ކޮންޓްރެކްޓް އާކޮށްފައެވެ. ލޯ ޤައުމީ ކޯޗުކަމާ ހަވާލުވީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ.