ކުޅިވަރު

އެތްލެޓިކޯއާ ދެކޮޅަށް ޒިދާންގެ ތާއީދު މާސޭ އަށް


ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑާއި ފްރާންސްގެ މާސޭ މިރޭ ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލުގައި ސްޕޭނުގެ ރެއާލް މެޑްރިޑުގެ ކޯޗު ފްރާންސްގެ ޒައިނުއްދީން ޒިދާން މާސޭ އަށް ތާއީދު ކުރަން ނިންމައިފި އެވެ.

"އަހަރެން އެދެނީ މާސޭ ތަށި ގެންދަން. އެމީހުން ވަނީ މުބާރާތުގައި ތަށި ހައްޤުވާވަރުގެ ކުޅުމެއް ދައްކާފައި،" އެތްލެޓިކޯއާ ވާދަވެރި ރެއާލްގެ ކޯޗު ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު މާސޭގެ ކެޕްޓަން ޑިމިޓްރީ ޕަޔެޓް ބުނީ ކުޅުންތެރިން ބޭނުންވަނީ ޓީމުގެ ބަތަލުންތަކަށްވާން ކަމަށެވެ.

"1993 ވަނަ އަހަރު މާސޭ އަށް ޗެމްޕިއަންސް ލީގު ހޯދައިދިން މީހުންނަކީ އަދިވެސް ބަތަލުން. އެއީ އޭގެ ފަހުން އެހެން ބަޔަކަށް އެކަން ނުކުރެވޭތީވެ. އަހަރުމެން ބޭނުންވަނީ ބަތަލުންނަށްވާން،" ޗެމްޕިއަންސް ލީގު ނެގުމަށްފަހު ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު މުބާރާތާ ބެހޭ ގޮތުން ޕަޔެޓް ބުންޏެވެ.

މި މެޗަށް އެތްލެޓިކޯ ނުކުންނައިރު ކޯޗު ޑިއެގޯ ސިމިއޯނީ ހުރީ ސަސްޕެންޑްކޮށްފައެވެ. އެއީ ސެމީ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުން ފޮނުވާލުމުންނެވެ. އޭނާ ބުނީ ފައިނަލްގައި ބެންޗުގައި ނުހުރެވޭތީވެ ދެރަވާ ކަމަށެވެ.
އެތްލެޓިކޯ އަކީ 2010 އަދި 2012ގެ މި މުބާރާތުގެ ޗެމްޕިއަނުންނެވެ. އޭގެ ފަހުން އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑު އަތުން ދެ ފަހަރު ބަލިވެފަ އެވެ. އަދި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އެތްލެޓިކޯ އަށް ޖާގައެއް ކަށަވަރުވެފައިވާއިރު މާސޭ އަށް އަދި ލިބެން އޮތީ ޔޫރޮޕާ ލީގުގެ ފުރުސަތެވެ.
ފްރާންސް ލީގުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނެން މާސޭ އަށް ބާކީ އެއް މެޗު އޮތްއިރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިނަމަ ފްރާންސް ލީގުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އެ ޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ.