ޚަބަރު

ވެމްކޯއިން ކާއްޓާއި ގަބުޅިއާއި ކުރުނބާ ވިއްކަނީ


ރަމަޟާން މަހު މާލޭގެ ބާޒާރުގައި ކާއްޓާއި ގަބުޅި އަދި ކުރުނބާގެ އަގުތައް އުފުލަނަ ނުދީ ހިފެހެއްޓުމަށްޓކައި، ކަނޑައެޅިފައިވާ ވަކި ރޭޓުތަކެއްގައި ވެމްކޯއިން މިބާވަތްތައް ވިއްކަން ފަށައިފިއެވެ.

ވެމްކޯއާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގައި ކާއްޓާއި ކަގުޅި އަދި ކުރުނބާ ގެންނަނީ ވެމްކޯގެ ސައިޓުތައް ހުންނަ ރަށްރަށުންކަމަށް ވެމްކޯއިން ބުނެއެވެ. އެގޮތުން މިރަމަޟާން މަހަށް ގެނެސްފައިވާ ކާއްޓާއި ކުރުނބާ އާއި ގަބުޅި ގެނެސްފައިވަނީ ރ.ވަންދޫއިންނެވެ.

މިބަވަތްތައް ވެމްކޯގެ އިންޑަސްޓްރިއަލް ވިލެޖުގައި ޤާއިމްކުރެވިފައިވާ ޚާއްސަ ޓެންޓަކުން ލިބެން ހުންނާނެކަމަށާއި މާރުކޭޓުގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ ކޯޕަރޭޓިވް ސޮސައިޓީގެ ދެގޮޅިއަކުންވެސް މިބަވަތްތައް ހެޔޮ އަގުގައި ލިބެން ހުންނާނެކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯގެ ރ.ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓު ސެންޓަރުގެ މެނޭޖަރ މުޙައްމަދު ޒަމީރު ވިދާޅުވީ މިމަސައްކަތް ވެމްކޯއިން ފެށި މައިގަނޑު މަޤްސަދަކީ ރަމަޟާން މަހާ ދިމަކޮށް ބައެއް ފަރާތްތަކުން ކާއްޓައި ކުރުންބާ އާއި ގަބުޅީގެ އަގު ބޮޑުކޮށް ބާޒާރުގައި ވިއްކާތީ އެކަން ހުއްޓުވުމަށްކަމަށެވެ.

ވެމްކޯއިން ބާޒާރަށްނެރޭ ކާށި، ރީޓެއިލްކޮށް ފަސް ރުފިޔާއަށް ހުރިއިރު ކުރުނބާއާއި ގަބުޅި ބާރަ ރުފިޔާއަށް ލިބޭނެކަމަށް ވެމްކޯއިން ބުނެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވެމްކޯގެ ވިލިމަލޭ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ އަޙްމަދު މަހިރު ވިދާޅުވީ ވެމްކޯގެ އަމާޒަކީ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއެކު މިބާވަތްތައް ލިބޭނެ ގޮތް ހެދުންކަމަށާ، މުޅި ރަމަޟާން މަހުވެސް މިބާވައްތައް ވެމްކޯއިން ލިބެން ހުންނާނެގޮތް ހެދުމަށް މަސައްކަތްކުރަމުންދަކަމަށެވެ.

ވެމްކޯގެ އިންޑަސްޓިރިއަލް ވިލެޖުގެ ޓެންޓުން މިބާވަތްތައް ވިއްކާނީ ހެނދުނު ދިހައަކުން ހަވީރު ފަހަކަށް އަދި ރޭގަނޑު ނުވައަކުން އެގާރައަސްކަމަށްވެސް އެއިދާރައިން ބުނެއެވެ. މި ޚިދުމަތް ރައްޔިތުންނަށް ދިނުމަށްޓަކާ ގެނެސްފައިވާ މިބާވަތްތަކުގެ ފުރަތަމަ ޝިޕްމަންޓްގައި ބާރަހާސް ކާއްޓާއި ފަސްހާސް ކުރުނބާ އަދި ފަސްހާސް ގަބުޅި މާލެ ގެނެސްފައިވާކަމަށް ވެމްކޯއިން ބުނެއެވެ.