ޚަބަރު

"އައްނޫރުލް މުބީން" ޤުރުއާން މުބާރާތުގެ ކިޔެވުން ނިމިއްޖެ


ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ޤުރުއާން މުބާރާތުގެ ކިޔެވުން ނިމިއްޖެއެވެ.
ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދައުވަތަށް ރާއްޖޭގައި ބޭއްވި މިމުބާރާތުގައި ރާއްޖެއާއެކު ނުވަ ޤައުމަކުންވަނީ ބައިވެރިވެފައި. އޭގެ ތެރޭގައި ސޫދާނާއި ތުރުކީވިލާތާއި ސަޢުދި ޢަރަބިއްޔާއާއި ޕަކިސްތާނާއި މެލެޝިއާގެ އިތުރުން ކުވެއިތާއި މިސްރު ހިމެނެއެވެ.

މިމުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ މ.ވޭވަށު ފެހިފަރުދާގޭ އަޝްރަޤް ނާޒިރުއެވެ. އިސްލާމީ ޤައުމުތަކުގެ ގުޅުންވަރުގަދަކޮށް ތަޖުވީދުގެ ހަމަތަކަށް ވާދަވެރިކަމާއެކު ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަށް ކުރިއަށް ގެންދިޔަ މިމުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަހުގެ ދެވަނަ ދުވަހުގެ ރޭ އޮންނަ އިޙްޔާ ފޯރަމްގައެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ކުލަގަދަކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"އައްނޫރުލް މުބީން" ޤުރުއާން މުބާރާތުން އެއްވަނައަށްދާ ފާރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ދިވެހި ދައުލަތުން 30 ހާސް ޑޮލަރު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް ދާ ބައިވެރިއަކަށް 15 ހާސް ޑޮލަރު، ތިންވަނައަށް 5 ހާސް ޑޮލަރުގެ އިނާމެއް ހުށައަޅާފައިވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް "އައްނޫރުލް މުބީން"އިންތިޒާމް ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެންނެވެ.