ކުޅިވަރު

އިޓަލީގެ ކޯޗުކަން މަންޗިނީއަށް


އިޓަލީގެ ގައުމީ ކޯޗުކަން މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ އަށް ދީފިއެވެ.

އިންޓަމިލާނާއި ގަލަޓަސަރާއީގެ ވެސް ކުރީގެ ކޯޗު އޭނާގެ އުފަން ޤައުމުގެ ޤައުމީ ޓީމާ ހަވާލުވީ ރަޝިޔާގެ ޒެނިތް ޕީޓަސްބާގުގެ ކޯޗުކަން ދޫކޮށްލައިފައެވެ. އުމުރުން 53 އަހަރުގެ މަންޗިނީ މީގެ ކުރިން ދުވަހަކު ވެސް ޤައުމީ ޓީމަކަށް ކޯޗުކޮށްދީފައުނުވެއެވެ.
އިޓަލީގެ ޤައުމީ ކޯޗުކަން ހުސްވީ ވޯލްޑް ކަޕަށް ކޮލިފައިނުވެ އެ ޤައުމު ކެޓުމާއެކު އޭރުގެ ކޯޗު ޖިއާން ޕިއޭރޫ ވެންޗޫރާ މަޤާމުން ވަކިކުރުމުންނެވެ.
އިޓަލީގެ ފުޓްބޯޅައިގައި މައްސަލަތައް ބޮޑުކަމުން ގައުމީ ކޯޗުކަމާ ހަވާލުވާން ގިނަ ކޯޗުން މިހާތަނަށް ތިބީ ބޭނުންނުވެފަ އެވެ. މަންޗިނީ ގައުމީ ޓީމާ ހަވާލުވީ ވަރަށް ގިނަ މަޝްވަރާތަކަށްފަހު އެވެ.