ކުޅިވަރު

ނޭމާރ ހިމަނައިގެން ބްރެޒިލްގެ ވަރލްޑްކަޕް ސްކޮޑް ފައިނަލްކޮށްފި


އަނިޔާގައި ހުރި ސުޕަސްޓާރު ކަމަށްވާ ނޭމާ ސަންޓޯސް ހިމަނައިގެން ވޯލްޑް ކަޕަށްދާ ބްރެޒިލްގެ ގައުމީ ޓީމު އިއުލާނުކޮށްފިއެވެ.

ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ބްރެޒިލް ވެގެންދިޔައީ އަންނަ މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް ޓީމު އިއުލާނުކުރި ފުރަތަމަ ޤައުމަށެވެ.
ކޯޗު ޓިޓޭ އިއުލާނުކުރި ޓީމުން މެންޗެސްޓާ ސިޓީގެ ހަތަރު ކުޅުންތެރިންނަށް ފުރުސަތު ދީފައިވެއެވެ. އެއީ ފެނާންޑީނިއޯ އާއި ކީޕަރު އެޑަސަން، ޑެނީލޯ އަދި ޒުވާން ފޯވަޑް ގަބްރިއަލް ޖެސޫސް އަށެވެ. ޕްރެމިއާ ލީގުން ދެން ޓީމަށް ނަގާފައިވަނީ ލިވަޕޫލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯ އާއި ޗެލްސީގެ ވިލިއަންއެވެ.
ބާސެލޯނާގެ ފިލިޕް ކުޓީނިއޯ އާއި ޕައުލީނިއޯ އަދި ރެއާލް މެޑްރިޑުގެ ކަސެމީރޯ އާއި މާސެލޯ އަދި އެތްލެޓިކޯ މެޑްރިޑުގެ ޕިލިޕް ލުއިޒްގެ އިތުރުން ރޯމާގެ ކީޕަރު އަލިސޮން އާއި އިންޓަމިލާނުގެ މިރަންޑާ އަދި ޔުވެންޓަސްގެ ޑަގްލަސް ކޯސްޓާގެ އިތުރުން ކުރީގެ ކެޕްޓަން ޕީއެސްޖީގެ ތިއާގޯ ސިލްވާ އަށް ވެސް ވަނީ ޓީމުން ޖާގަ ދީފައެވެ.
އަނިޔާގެ ސަބަބުން މިފަހަރުގެ ޓީމުން ޖާގަ ގެއްލުނު އެންމެ މަޝްހޫރު ކުޅުންތެރިއަކީ ޕީއެސްޖީގެ ޑެނީ އަލްވެޒް އެވެ.

ވޯލްޑް ކަޕުގައި ބްރެޒިލް ހިމެނެނީ ކޮސްޓަރިކާ އާއި ސާބިއާ އަދި ސްވިޒަލޭންޑާއެކު ގްރޫޕް އެޗްގަ އެވެ.