ރާއްޖެއިން ބޭރުގައި ދިރުއުޅޭ ދިވެހިންނަށް ޚާއްސަކޮށްގެން އިތުރު ޤައުމުތަކުގައި ކަލްޗަރަލް ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ ސްރީލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި ސަރުކާރުން ތަރައްޤީކޮށްދެއްވި، ސޯސަން ވިލާ ޕާކު ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދަށް އަންނަ ކުރިއެރުންތަކާއެކު ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތައް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ދަރިންނަށް އިސްލާމީ އުސޫލުތަކާއި ދިވެހި ސަޤާފަތް ދަސްކޮށްދޭ ސެންޓަރުތައް ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަމާޒެއްކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ބޭސްފަރުވާއާއި ތަޢުލީމީ ބޭނުންތަކަށް މީގެކުރިން ދިވެހިން ރާއްޖެއިން ބޭރަށް ދިޔަނަމަވެސް، ރާއްޖެއަށް އައިސްފައިވާ ކުރިއެރުންތަކާއެކު މިކަން ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި ތަރައްޤީކޮށްފައިވާ ސޯސަން ވިލާ ޕާކަކީ، ހައުސިންގ މިނިސްޓްރީން ތަރައްޤީކޮށްފައިވާ ޕާކެކެވެ. ޕާކު ޑިޒައިންކޮށްފައިވަނީ ލަންކާގައި އުޅޭ ދިވެހިންގެ ޚިޔާލާއެކު، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ.
ސޯސަން ވިލާގައި ތަރައްޤީކުރި ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސް ބޭފުޅުންނާއި އެމްއީސީސީގެ އިސްވެރިންނާއި ލަންކާގައި އުޅޭ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.
މިޕާކުގެ އިތުރުންވެސް ސޯސަން ވިލާގައި ފުޓްސަލް، ބަށި ބޯޅަ އަދި ހޭންޑް ބޯލް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، ޖިމްއަކާއެކު ޒުވާނުންގެ މަރުކަޒެއްވެސް އެތަނުގައި ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ލަންކާގައި އުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމާއި ޤުރުއާން އަދި ދިވެހި މާއްދާ ކިޔަވައިދިނުމަށް ޚާއްސަ ކްލާސްތަކެއްވެސް އެމް.އީ.ސީސީގައި ދަނީ ހިންގަމުންނެވެ.