ޚަބަރު

ރިޔާސީ އިންތިހާބަށް ޤައުމީ ލަފާދޭ ކޮމެޓީ އެކުލަވާލައިފި


ރިޔާސީ އިންތިޚާބާއި ގުޅޭ ކަންކަމުގައި އިލެކްޝަން ކޮމިޝަނަށް ލަފާދިނުމަށް 18 މެންބަރުން ހިމެނޭގޮތަށް ޤައުމީލަފާދޭ ކޮމިޓީ އެކުލަވާލައިފިއެވެ.
މި ކޮމިޓީއަކީ އިންތިޚާބާއިގުޅޭ ޤާނޫނުގެ ދަށުން ކަމާއިގުޅުންހުރި ފަރާތްތައް ހިމަނައިގެން އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ މި ކޮމިޓީގައި ހިމެނެނީ ސަރުކާރުގެ ކަމާގުޅުންހުރި މުޢައްސަސާތަކުން 10 މެންބަރުންނާއި، ކޮންމެ ސިޔާސީ ޕާޓީއަކުން މެންބަރަކާއި، ޖަމްޢިއްޔާތަކުގެ ފަރާތުން މެންބަރެކެވެ. އަދި މި ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން ސިޔާސީ ޕާޓީތަކުން ހިމަނާފައިވާ މެންބަރުންނަކީ އެ ޕާޓީތަކުން އައްޔަންކޮށްފައިވާ މެންބަރުންކަމަށްވެސް އަކުރަމު ވިދާޅުވިއެވެ.

މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އެގާރަ ޖަހާއިރުއެވެ. މި ބައްދަލުވުމުގައި އިންތިޚާބަށް ތައްޔާރުވުމަށް މިހާތަނަށް ކޮށްފައިވާ ކަންކަމާއި، އެކަމާއިގުޅޭގޮތުން ކުރަންހުރި އެކި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި މި ބައްދަލުވުމުގައި އިންތިޚާބާއިގުޅޭ ކަންކަމުގައި މެންބަރުންގެ ލަފާހޯދުންވެސް ކުރިއަށްދާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.