ކުޅިވަރު

އިނގިރޭސި ރަންބޫޓު ސަލާހަށް


އިނގިރޭސި ޕްރެމިއާ ލީގުގެ ރަންބޫޓު ރެކޯޑަކާއެކު ލިވަޕޫލްގެ މިސުރު ފޯވަޑް މުހައްމަދު ސަލާހް ހޯދައިފިއެވެ.

ވެސްޓް ބްރޮމް އަލްބިއަން އަތުން ރޭ 4-0 ން ލިވަޕޫލް މޮޅުވި މެޗުގައި ސަލާހް ޖެހި ލަނޑާއެކު މި ސީޒަނުގައި އޭނާ ޖެހި ގޯލުގެ އަަދަދު ވަނީ 32 އަށް އަރައިފައެވެ. މިއީ 38 މެޗުގެ ސީޒަނެއްގެ ގޮތުގައި ޕްރެމިއާ ލީގު ހަމަޖެއްސިފަހުން ކުޅުންތެރިއަކު 32 ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
މެޗުގެ ކުރިން ސަލާހް ބުނީ "ޝައްކެއްނެތް. އަހަރެން ރެކޯޑް ހަދަން ބޭނުން. މިއީ ވަރަށް ބޮޑު ފަހުރެއް،" ކަމަށެވެ.

ރޭގެ މެޗުގައި ލިވަޕޫލަށް ލަނޑު ޖަހައިދިނީ ސަލާހާއި، ޑެޖާން ލޮވްރެން އަދި ޑޮމެނިކް ސޮލަންކޭ އާއި ރޮބަޓްސަންއެވެ. މި މޮޅާއެކު ޗެލްސީ ކަޓުވާލައި ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދީ ވެސް ލިވަޕޫލެވެ. އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެން ޕްރެމިއާ ލީގުން ހޮވުނު ލީގުގެ ގަދަ ހަތަރު ޓީމަކީ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ދެ ވަނަ ހޯދި މެންޗެސްޓާ ޔުނައިޓެޑާއި ތިން ވަނަ ޓޮޓެންހަމާއި ހަތަރުވަނަ އަށް ދިޔަ ލިވަޕޫލެވެ. ފަސް ވަނަ ޗެލްސީ އާއި ހަވަނަ އަށް ދިޔަ އާސެނަލް ވާދަކުރާނީ ޔޫރޮޕާ ލީގުގަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޗެމްޕިއަންސް ލީގުން ޖާގަ ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ. އަދި މިމަހުގެ 26 ވަނަ ދުވަހުގެރޭ ޔުކްރޭނުގެ ކިއޭވްގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ތައްޔާރުވާން ދެ ހަފުތާ ލިބުމަކީ ފުދި އިތުރުވާ މިންވަރެއް ކަމަށެވެ.