ޚަބަރު

ރަފީ ޖަމްޢިއްޔާއިން ކުރިއަށްގެންދިޔަ "މަދަރ ކްއީން" ޕްރޮގްރާމް ނިންމާލައިފި


މައިންނަކީ މުޖުތަމަޢު ބިނާކުރުމުގައި މުހިންމު ޙިއްސާއެއް އޮންނަ ބައެއްކަން އަންގައިދިނުމަށް ރަފީ ޖަމްޢިއްޔާއިން މަންމައިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ "މަދަރ ކްއީން" ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ މަންމައިންގެ ދުވަހާއި ގުޅުވައިގެން، މަންމައިންނާއި ދަރިނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ހަޔާތުގައި ދެފަރާތުގެ ޙިއްސާގެ މުހިންމުކަމާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 30 މައިން ބައިވެރިވެފައިވާއިރު، ދަރިންގެ ގޮތުގައި ވޮލެންޓިއަރ ކޮށްގެން 30 ޒުވާނުންވަނީ ބައިވެރިވެފައެވެ. 10 ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އެކި ދާއިރާތަކުން 9 ސެޝަން ކުރިއަށް ގެންގޮސްފައިވެއެވެ.

ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީލިޔުން ޙަވާލުކޮށްދެއްވީ ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސުލް ޑރ.މަރިޔަމް ޝަކީލާއެވެ. ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝަކީލާ ވިދާޅުވީ މަތީތަޢުލީމަށް ކިޔަވައިގެން ތިބޭ މަންމައިން، ދަރިންލިބުމުން ވަޒީފާ ދޫކޮށް ގޭގައި ތިބުމަކީ އޭގެ ނޭދެވޭ އަސަރު ޤައުމުގެ ޢިގްތިސާދައް ވަރަށް ބޮޑަށް ކުރާ ކަމެއްކަމަށެވެ.

އަދި ޒަވާޖީ ހަޔާތެއް ފަށައި ދަރިން ލިބުމަކީ، ތިމާގެ ކެރިއަރ ދުކޮށްލަންޖެހޭ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ. ޑރ.ޝަކީލާ ވިދާޅުވީ މި ހުރިހާ ކަމަކާއެކުވެސް އެންމެ އިސްކަމެއް ދޭންޖެހޭނީ ދަރިން ތަރުބިއްޔަތުކުރުމަށްކަމަށެވެ.

ރަފީ އެންޖީއޯގެ ފައުންޑިިންގ ޕްރެޒިޑެންޓް ޑރ.އައިޝަތު ރަފިއްޔާ ވިދާޅުވީ މި ޕްރޮގްރާމްގެ ޒަރިއްޔާއިން، މައިންނާއި، ދަރިން އަދާކުރަންޖެހޭ ވާޖިބުތަކާއި، އަމިއްލަ ނަފްސަށް އިޙްތިރާމްކުރުމާއި، ގުޅުން ބަދަހިކުރުމާއި، ދުޅަހެޔޮ ސިއްޙަތަކާއި ދިރިއުޅުމަށް ކުރެވިދާނެ ކަންކަމާއި، ސިކުނޑި ތާޒާ ކުރުމަށް ކުރެވިދާނެ ކަންކަމާއިގުޅޭ މަޢުލޫމާތު ޙިއްސާކޮށްފައިވާކަމަށެވެ. ރަފިއްޔާ ވިދާޅުވީ މުޖުތަމާޢުގައި ދެޖިންސުގެ ދެމެދުގައި އޮންނަ ފަރަގު މިހާރަށްވުރެވެސް ކުޑަކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ޙަފްލާގައި، މި ޕްރޮގްރާމްގައި އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށްވެސްވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.