ޚަބަރު

އިސްލާމީ އެއްބައިވަންތަކަމާއި އިސްލާމީ ވަހުދަތަށް މިސަރުކާރުން ގޮވާލާކަން ދުނިޔެއަށް ހާމަވޭ - އިސްލާމިކް މިނިސްޓަރ


ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުން، އިސްލާމީ އެއްބައިވަންތަކަމާއި އިސްލާމީ ވަޙުދަތަށް މިސަރުކާރުން ގޮވާލާކަން މުޅި ދުނިޔެއަށް ހާމަވެގެންދާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް "އައްނޫރުލް މުބީން"ގެ ނަމުގައި ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މި މުބާރާތުގެ ސަބަބުން ސަރުކާރުން ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށާއި ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ހާމަވެގެންދާކަމަށެވެ. އަދި މުބާރާތުގައި ކިޔެވުމަށް އެކި ޤައުމުތަކުން ރާއްޖެ އައިސްފައިވާ ބައިވެރިންނަށް، ދިވެހިންގެ ފަރާތުން ހިތްވަރާއި، އިޙްތިރާމާއި ޤަދަރު ލިބޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުރިއަށްއޮތީ ޤުރުއާނުގެ މައްސަރުކަމަށާއި މި މުބާރާތުން ދިވެހިން ދަސްކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިސްރަށްވެހިންނާއި ރައްޔިތުންނަކީ ޒަމާނުއްސުރެ ކީރިތި ޤުރުއާނަށް އިސްކަންދޭ ބައެއްކަން ފާހަގަކުރައްވާ އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މިމުބާރާތަކީ ހުރިހާ ދިވެހިންނަށްވެސް ލިބޭ ފަޚުރެއް ކަމަށެވެ.

"މިމުބާރާތުގައި ބައިވެރިންގެ ފަރާތުން ހާމަވެގެން މިދަނީ ތަފާތު އެކިއެކި ޤައުމުތައް، ތަފާތު އެކިއެކި ނަސްލުތައް. ނަމަވެސް ހާމަކޮށް މިދެނީ އެއްބައިވަންތަކަން. ހާމަކޮށް މިދެނީ އެކުވެރިކަން. މި ނަމޫނާ އަޅުގަނޑުމެން ދަސްކުރަންވީ. މި ވިސްނުން އަޅުގަނޑުމެން މިއަދު ދަސްކުރަންވީ." އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ރަމަޞާން މަހަކީ ޤުރުއާނާއި ބަރަކާތްތެރިކަމުގެ މަސްކަން ފާހަގަކުރައްވާ، އެމަހަށް ދިވެހިން މިފަހަރު މަރުޙަބާ ކިޔަނީ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތަކުން ކަމަށް ވިދާޅުވިއެވެ. އަދި މިމުބާރާތް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް އެންމެ ބުރަ މަސައްކަތެއްކުރެއްވީ ރައީސުލްޖުހޫރިއްޔާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޒިޔާދު ވިދާޅުވީ، މިކަމުން އެކަމަނިކުފާނު ދިވެހި ޤައުމުދެކެ ވާ ލޯބި ހާމަކޮށްދޭކަމަށެވެ. އަދި އިސްލާމްދީން ހިމާޔަތްކުރުމަށާއި ކީރިތި ޤުރުއާނުގެ ޢިލްމު ރާއްޖޭގައި ފުޅާކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހާމަކޮށްދޭކަަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.