ޚަބަރު

އައްނޫރުލް މުބީން ޤުރުއާން މުބާރާތުގައި ވާދަކުރާ ބައިވެރިންނާއި އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވައިފި


އައްނޫރުލް މުބީން ޤުރުއާން މުބާރާތުގައި ވާދަކުރާ ބައިވެރިންނާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަޙްމަދު ޒިޔާދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ފަތުވާދޭ މަޖިލީހުގެ ރައީސް މުޙައްމަދު ރަޝީދު އިބްރާހީމާއި ޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާވެސް ބައިވެރިވެޑައިގެންނެވިއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތުގައި ރާއްޖޭގެ އިތުރުން 8 ޤައުމަކުން ބައިވެރިވިއެވެ. މި މުބާރާތުގައި ބައިވެރިވަނީ ސޫދާނާއި ތުރުކީއާއި ސައުދީ އަރަބިއްޔާއާއި ޕާކިސްތާާއި މެލޭސިއާއި ކުވައިތާއި މިސްރުގެ އިތުރުން ބަންގްލަދޭޝް އިންނެނެވެ. މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ ސުދާނާއި ޕާކިސްތާނާއި މެލޭސިއާ އާއި ޔަމަންގެ އިތުރުން ރާއްޖޭ ފަނޑިޔާރެކެވެ. ރާއްޖޭގެ ފަރާތުން މި މުބާރާތުގައި ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ އަލް ޤާރީ އަހުމަދު ތައުފީޤުއެވެ. މި މުބާރާތުގައި ފަނޑިޔާރޔކަން ކުރައްވާ ހުރިހާ ފަނޑިޔާރުން އިއްޔެ ވަނީ ރާއްޖެ އައިސް ނިމިފައެވެ.

އައްނޫރުލް މުބީން ޤުރުއާން މުބާރާތުގައި ވާދަކުރާ ނުވަ ބައިވެރިންނާއި އިސްލާމިކް މިނިސްޓަރ އަހުމަދު ޒިޔާދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އިސްލާމްދީން ތަޢާރަފުވެގެން އައިގޮތާއި އިސްލާމް ދީން ޙިމާޔަތްކުރަން ކުރާ މަސައްކަތްތައްވަނީ ބައިވެރިންނާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އިސްލާމީ ފަތުވާ މަޖިލީހުގެ ރައީސް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމިކް ޤައުމެއްކަމަށާއި ދީނީ ގޮތުން މަޒްހަބީ ތަފަރާތުކުރުމާއި ފިރުޤާގެ ތަފާތުކުރުންތައް ނެތް ހަމައެކަނި އިސްލާމީ ޤައުމަކީ ރާއްޖެކަމަށެވެ. އަދި އެކަން އެގޮތަށް ބޭއްވުމަށް ކުރި މަސައްކަތްތަކާއި ގުޅޭ މައުލޫމާތުވެސް ވަނީ ބައިވެރިނާއި ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރްވުމުގައި ވާހަކަދައްކަވަމުން ޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ ވަނީ ޤުރުއާނާއި ބެހޭ މަރުކަޒުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ބައިވެރިންނަށް ދީފައެވެ.
މި މުބާރާތުގައި ފަނޑިޔާރުކަން ކުރާ ޕާކިސްތާނުގެ ފަނޑިޔާރަކީ 1970 ވަނަ އަހަރު ތައުލީމީ ދާއިރާގައި ރާއްޖޭގައި މަސައްކަތްކޮށްފައިވާ މުދައްރިސެކެވެ.

މިބައްދަލުކުރެއްވުމަށް ފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މި މުބާރާތުގައި ފަނޑިޔާރުކަން ކުރާ ޕާކިސްތާނުގެ ފަނޑިޔާރު މުޙައްމަދު ޔޫނުސް ވަނީ ރާއްޖޭގައި ކުރިން މަސައްކަތް ކުރި ދުވަސްވަރުގެ ހަނދާންތައް ޕީއެސްއެމްއާއި ހިއްސާކުރައްވާފައެވެ.

މުބާރާތުގައި ވާދަކުރާ ބައިވެރިން ބުނީ ރާއްޖޭގައި މި މުބާރާތް ބާއްވާތީ ވަރަށް އުފާކުރާކަމަށެވެ. އަދި މި މުބާރާތުން ގިނަ ކަންކަން ދަސްވެގެންދާނެކަމަށް އުއްމީދުކުރާކަމަށްވެސް އެ ބައިވެރިން ބުނެއެވެ.

ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމަކަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ ކިޔެވުން ފެށުން އޮންނާނީ މިއަދުއެވެ. އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާއަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުން އެއްވަނައަށްދާ ބައިވެރިއަކަށް ހުށައަޅާފައިވަނީ 30 ހާސް ޑޮލަރުއެވެ. ދެވަނައަށް 15 ހާސް ޑޮލަރު ކަނޑައަޅާފައިވާއިރު ތިންވަނައަށް ދާ ބައިވެރިއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 5 ހާސް ޑޮލަރުއެވެ. މިމުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މި ފެށޭ ރޯދަ މަހުގެ ދެވަނަދުވަހުގެ ރޭ އޮންނަ އިހްޔާ ފޯރަމްގައެވެ. ހަމަޖެހިފައެވެ.