ޚަބަރު

ރާއްޖޭގެ ސްކޫލުތަކަށް 30 ލެޕްޓޮޕް ޕާކިސްތާނުން ހަދިޔާކޮށްފި


ރާޢްޖޭގެ ސްކޫލުތަކަށް ޕާކިސްތާނު ސަރުކާރުން ލެޕްޓޮޕް ހަދިޔާކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލެޕްޓޮޕްތައް ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް ވަސީމް އަކްރަމްއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި ލެޕްޓޮޕްތަކާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓްރީެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރުއެވެ.

ރާއްޖޭގެ ސްކޫލުތަކަށް ޕާކިސްތާނު ސަރުކާރުން ހަދިޔާކުރި މި ލެޕްޓޮޕް ތަކަކީ ޕާކިސްތާނުގެ ފުރަތަމަ ގަވަނަރ ޖެނެރަލް މުހައްމަދު އަލީ ޖިނާހްގެ ނަމާއި ގުޅުވައިގެން "ޖިނާހް ލެޕްޓޮޕް ސްކީމް" ގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުން ދެމުން އަންނަ ލެޕްޓޮޕްތަކެކެވެ. މި ސްކީމްގެ ދަށުން 2017 ވަނަ އަހަރު ޕާކިސްތާނުން ރާއްޖެއަށްވަނީ 15 ލެޕްޓޮޕް ހަދިޔާކޮށްފައެވެ. އަދި މިއަހަރު މިއަދަދު 30 އިތުރުކޮށްފައެވެ.

ލެޕްޓޮޕްތައް ހަވާލުކުރުމަށްް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މިދިޔަ އަހަރު ލިބުނު ލެޕްޓޮޕްތައް ހަދިޔާކޮށްފައިވަނީ ހަމައެކަނި މާލޭގެ ސުކޫލްތަކަށްކަމަށާއި، ނަމަވެސް މިއަހަރުގެ ހުރިހާ ލެޕްޓޮޕްތަކެއްވެސް ހަވާލުކުރާނީ އަތޮޅުތެރޭގެ 30 ސްކޫލަކަށްކަމަށެވެ. މި ލެޕްޓޮޕްތައް ހަދިޔާކުރަނީ މަތީސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު މާރކްސް ހޯދާ ދަރިވަރުންނަށްކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

"މިދިޔަ އަހަރުގަ ޙާއްސަ ކުރީ މާލޭގެ ސުކޫލްތަކަށް ވީކަމުގައިވިޔަސް މިފަހަރު މިހަވާލުކުރެވޭ 30 ލެޕްޓޮޕް ހަވާލުކުރާނީ އަތޮޅުތަކުގެ މަތީ ސާނަވީގެ ކުދިންނަށް. މިކަހަލަ ކަންތައްތަކުން އަޅުގަނޑުމެންގެ ތައުލީމީ ދާއިރާއަށް ވަރަށް ބޮޑެތި ތަރައްޤީތަކެއް އައިއްސަ، އަޅުގަނޑުމެންގެ ކުދިންނަށް ވަކިން ޙާއްސަކޮށް މީގެ ފައިދާ ކިޔެވުމުގައާއި އެހެނިހެން ކަންތައްތަކުގަވެސް ވަރަށް ބޮޑަށް ލިބިގެންދާނެ." ނަޒީރު ވިދާޅުވިއެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް ވަސީމް އަކްރަމް ވިދާޅުވީ، ދިވެހި ސަރުކާރުން ސްކޫލްތައް ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢަށް ޕާކިސްތާނަށް ވެދެވެންއޮތް އެހީތެރިކަމެއް ދެއްވާނެކަމަށެވެ. އެގޮތުން އަދި އަންނަ އަހަރު 30 ލެޕްޓޮޕުން 50 ލެޕްޓޮޕަށް މިއަދަދު އިތުރުކުރާނެކަމުގެ ޔަޤީންކަންވެސް ސަފީރުވަނީ ދެއްވާފައެވެ. ސަފީރު ވިދާޅުވީ ޕާކިސްތާނުން ރާއްޖެއަށްދޭ ސްކޮލަރޝިޕްގެ ފުރުސަތުތަކާއި، ދާއިރާތައްވެސް މިއަހަރު އިތުރުކޮށްދެއްވާނެކަމަށެވެ.

މި ލެޕްޓޮޕްތައް ހަދިޔާކުރާ ސުކޫލްތައް ހޮވާފައިވާނީ ތައުލީމީ ގޮތުން އެންމެ ފާހަގަކުރެވޭ ސްކޫލުތައް ބަލައިގެންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. ޕާކިސްތާނަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާއި ގާތްގުޅުމެއް އޮންނަ ޤައުމެކެވެ. ރާއްޖޭގެ ތައުލީމީ ދާއިރާގައި މީހުން ބިނާކުރުމަށް އެ ޤައުމުން އަންނަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.