ޚަބަރު

ޓީބީ އާއި އެޗްއައިވީ ފަދަ ބަލިތައް ފެތުރުން ކޮންޓްރޯލްކުރެވޭނީ މޮނިޓަރކުރުން ހަރުދަނާކުރެވިގެން- ހެލްތް މިނިސްޓަރ


މި ސަރަހައްދުގެ ޤައުމުތަކުގައި ޓީބީ އާއި އެޗްއައިވީ ފަދަ ބަލިތައް ފެތުރުން ކޮންޓްރޯލްކުރެވޭނީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ މެދުގައި ހިޖުރަކުރާ މީހުންގެ ސިއްޙީ ކަންކަން މޮނިޓަރކުރުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށްގެން ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން، ސާރކްގެ ރީޖަނަލް މީޓިންގް އޮފް ޕްރޮގްރާމް މެނޭޖަރޒް އޮން ޓީބީ އެންޑް އެޗްއައިވީ ކޮންޓްރޯލް ޕްރޮގްރާމް އެންޑް ކޮރޮސް ބޯޑަރ އިޝޫގެ ބައްދަލްވުން ކުރިއަށްދަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ. މިމަހުގެ 13 އިން 15 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސާކުގެ 8 ޤައުމަކުން މަންދޫބުން ބައިވެރިވެއެވެ.

ސާރކުގެ ދަށުން ހިންގާ ސާރކް ޓީބީ އެޗްއައިވީ/އެއިޑްސް ސެންޓަރ، ސްޓެކްގެ ފަރާތުން ރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން ކުރިޔަށް ގެންދާ މި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވީ މިނިޓަރ އޮފް ހެލްތް އެންޑް ފެމިލީ، ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރވަނީ ދެކުނު އިރުމަތީ އޭޝިއާއަކީ ދުނިޔޭގެ ނިސްބަތުން ޓީބީ އާއި އެޗްއައިވީ އެއިޑްސް އެންމެ ގިނަ ސަރަހައްދުކަން ފާހަގަކުރައްވާ، މިކަން ކޮންޓްރޯކުރުމަށް މިސަރަހައްދުގެ ޤައުމުތަކުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ބަލިތައް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވި ގޮތްތަކެއް ކަނޑައެޅިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

"މިބައްދަލްވުމުގެ ޒަރިއްޔާއިން ސަރަހައްދީ ފެންވަރެއްގައި ޓީބީ، އެޗްއައިވީ އެއިޑްސް ނައްތާލުމަށް ކުރެވިދާނެ ކަންކަމަށް މަޝްވަރާކުރެވޭނެކަމަށް އުންމީދުކުރަން. މިފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް އެޅޭނެ އެންމެ ރަގަޅު ފިޔަވަޅަކީ ސަރަހައްދީ ޤައުމުތައް އެކުގައި މަސައްކަތްކުރުން. މިގޮތުން އެއް ޤައުމުން އެނެއް ޤައުމަށް ހިޖުރަކުރާ މީހުންގެ ސިއްހީ ކަންކަން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުން މުހިންމު." މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީއާ އެކު މި ބައްދަލުވުން އިންތިޒާމްކުރާ ސްޓެކުން ބުނީ ތިން ދުވަހުގެ މި ބައްދަލުވުމުގައި ޓީބީ އާއި އެޗްއައިވީ އެއިޑްސް ކޮންޓްރޯލްކުރުމަށް މި ސަރަޙައްދުގެ ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކާ، ކުރިއެރުންތައް ހިއްސާކުރުމާއި މިފަދަ ކަންކަން ހަރުދަނާ ކުރެވޭނެ އުސޫލްތަކަކީ ކޮބައިކަން ފާހަގަކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި މިސަރަހައްދުގެ ޤައުމުތަކުން ޓީބީ އާއި އެޗްއައިވީ އެއިޑްސް ނައްތާލާ ކޮންޓްރޯލްކުރުމަށް ކަނޑައަޅާފައިވާ ލަޑުދަނޑިތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރާނެކަމަށް ސްޓެކުން ބުނެއެވެ.

މި ބައްދަލުވުމުގައި ކުރެވޭ މަޝްވަރާތަކުގެ އަލީގައި ސަރަހައްދީ ފެންވަރެއްގައި މިފަދަ ބަލިތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކާބެހޭގޮތުން ޚާއްޞަ ޕްލޭނެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ސާރކް ސަރަހައްދުގެ 8 ޤައުމެއްގެ ފަރާތުން މިދާއިރާގައި މަސައްކަތްކުރާ އޮފިޝަލުން ބައިވެރިވެއެވެ.