ކުޅިވަރު

ޖަރުމަނު ކީޕަރު ނޯޔާއަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެތަ؟


ޖަރުމަނުގެ އެއްވަނަ ކީޕަރު އަދި އެންމެ ފަހުގެ ވޯލްޑް ކަޕުގައި އެންމެ މޮޅު ކީޕަރު މެނުއަލް ނޯޔާ އަށް އަންނަ މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕުގައި ނުކުޅެވޭނެކަން ގާތްގަނޑަކަށް ޔަޤީންވި ނަމަވެސް އޭނާއަށް އެންމެ ފަހުވަގުތާ ޖެހެންދެން ފުރުސަތު ދިނުމަށް ކުރީގެ ކީޕަރުން ގޮވާލައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކީޕަރަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެކަން ޔަޤީންވީ އޭނާގެ ކުލަބު ބަޔާން މިއުނިކްގެ ކޯޗު ދެއްކި ވާހަކަތަކުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ނޯޔާ އަދި އޭގެ ފަހުން މެޗެއް ނުކުޅެއެވެ. ފުލް ފިޓްނަސް އައުމަށް އޭނާ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބަޔާންގެ ކޯޗު ޔަޕް ހެއިކްސް ރޭ ނިމިދިޔަ ޖަރުމަނު ލީގުގެ ފަހު މެޗަށް ފަހު ބުނީ ނޯޔާއަށް މި ސީޒަނުގައި މެޗެއް ނުކުޅެވޭނެ ކަމަށެވެ.

"އޭނާ ދަނީ ޕްރެކްޓިސް ކުރަމުން. އެކަމަކު 70 ނޫނީ 80 ޕަސެންޓް ފިޓްނަސް ހުރެގެން އެ މަސައްކަތް ކުރެވެނީ. ވޯލްޑް ކަޕާމެދު އަހަރެން ޝައްކު. ޔަގީނުން ވެސް (މި މަހުގެ 19 ވަނަ ދުވަހު ބަޔާން މިސީޒަނުގައި ކުޅޭ އެންމެ ފަހު މެޗު) ޖަރުމަނު ކަޕް ފައިނަލްގައި ނޯޔާ ނުކުޅޭނެ. އޭނާ ފިޓެއްނޫން،" ކޯޗު ބުންޏެވެ.

ނަމަވެސް ނޯޔާއަށް އެންމެ ފަހު ވަގުތާ ހަމައަށްވެސް ފުރުސަތު ދިނުމަށް އެންމެ ފުރަތަމަ ގޮވާލީ ކުރީގެ ކީޕަރު ޔެންސް ލޭމަންއެވެ. ޤައުމީ ޓީމަށް 61 މެޗު ކުޅެދިން އާސެނަލްގެ ކުރީގެ ކީޕަރު ބުނީ މި މަހުގެ 19 ވަނަ ދުވަހު ކުޅޭ މެޗުގައި ނޯޔާއަށް ކުޅެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"19 ވަނަ ދުވަހުގެ މެޗާއި ގައުމީ ޓީމުގެ އެކުވެރިކަމުގެ ދެ މެޗު (އޮސްޓްރިއާ އާއި ސައޫދީއާ ދެކޮޅަށް ޖަރުމަނު ގައުމީ ޓީމު ކުޅޭ މެޗުތަކުގައި) ކުޅެފިނަމަ އެވަރުން ފުދޭނެ. އެކަމަކު މި މެޗުތަކުގައި ނުކުޅެ އޭނާ ވޯލްޑް ކަޕް ޓީމުގައި ހިމެނަން އަހަރެން ވެސް އެއްބަހެއްނޫން،" ލޭމަން ބުންޏެވެ.

ޖަރުމަނުގެ ބައެއް މީޑިޔާތަކުން ބުނަނީ ނޯޔާ މުޅިން ފިޓްވާނީ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖް ނިމޭ ހިސާބަށް ކަމަށެވެ. މިހެންވެ އޭނާ ޓީމުގައި ހިމެނުމަށް ޤައުމީ ކޯޗު ޖޯހިމް ލޯ ވިސްންމުންދާ ކަމަށެވެ. ނަމަވެސް ލޭމަން ބުނީ މެކްސިކޯ އާއި ސައޫދީ އަރަބިއާ އަދި ސްވިޑްންއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ނުކުޅެ ވޯލްޑް ކަޕުގެ ނޮކްއައުޓް މެޗުތަކުގައި 32 އަހަރުގެ ނޯޔާ ލައްވައި ކުޅުވައިގެން ނުވާނެ ކަމަށެވެ. ސަބަބަކީ ގްރޫޕް ސްޓޭޖުގައި ނުކުޅޭނެނަމަ ވޯލްޑް ކަޕުގައި ކުޅެން ނޯޔާގެ ސިކުނޑި ތައްޔާރުވެފައި ހުރުން ގާތީ 50 ޕަސެންޓަށް ކަމަށެވެ.
ނޯޔާ އަށް ނުކުޅެވޭނަމަ ޖަރުމަނުގެ އެއްވަނަ ކީޕަރުކަން ލިބުން އެންމެ ގާތީ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އަށެވެ.