ޚަބަރު

ބައިކް މޯލްޑިވްސްއާއި ތެލަސީމިއާ ސޮސައިޓީ ގުޅިގެން ބައިކް ރައިޑެއް ބާއްވައިފި


ތެލަސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި، ތެލަސީމިއާއަށް ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބައިކް މޯލްޑިވްސްއާއި މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީން އިސްނަގައިގެން ބައިކް ރައިޑެއް ބާއްވައިފިއެވެ.

ހެނދުނު 6:30 ގައި އިންޑަސްޓްރިއަލް ސަރަޙައްދުން ފެށި މި ބައިކް ރައިޑް ނިންމާލާފައިވަނީ ރަސްފަންނު ސަރަހައްދަށެވެ. މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީން ބުނީ މި ރައިޑްގައި އެ ސޮސައިޓީއާއި، ބައިކް މޯލްޑިވްސްގެ މެންބަރުންނާއި އަދި ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާކަމަށެވެ. މި ބައިސްކަލު ރައިޑްގައި 50 ހަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ.
ބައިކް މޯލްޑިވްސްއިން އަންނަނީ ފާހަގަކުރެވޭ މުހިންމު ދުވަސްތަކާއި އިޖްތިމާޢީ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ބައިކް ރައިޑްތައް ބާއްވަމުންނެވެ.

މިއަހަރުގެ ތެލަސީމިއާ ދުވަސް ފަހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުގައި ހޭލުންތެރިކުރުވުމުގެ ސެޝަންއެއް ބާއްވާ، ރަސްފަންނުގައި ތެލަސީމިއާއާއި ބެހޭގޮތުން މަޢުލޫމާތުދިނުމަށް އާންމުންނަށް ކުއިޒްއެއްގެ އިތުރުން ތެލަސީމިއާ ކުދިންނާއި ޢާއިލާތަކަށް އުފާވެރި މާހައުލެއްގައި ބައްދަލުކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޢާއިލީ ހަވީރެއްވެސް ވަނީ ބާއްވާފައެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ތެލަސީމިއާ ދުވަހުގެ ގޮތުގައެވެ.