ޚަބަރު

ރައްޔިތުންނަށް ދަތިވެފައިހުރި ކަންކަން ފުރިހަމަ ކުރުމަށް އިތުރު ދައުރަކަށް ރައީސް އެދިވަޑައިގެންފި


ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށްޓަކައި އިތުރު ދައުރަކަށް ފުރުޞަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްލާމް ދީނަކީ އުޞޫލްތަކާއި، ތަރުތީބުތަކާއި އިންތިޒާމްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ދީނެއް ކަމަށާއި، އިސްލާމް ދީނުގައި ޑިމޮކްރަސީގެ ވާހަކަ އައިސްފައިވާކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ބަސްކިޔާނީ ރައްޔިތުންކަން ކީރިތި ޤުރުއާނުގައި އަންގަވާފައިވާކަމަށެވެ. އަދި ކޮންމެ ވެރިޔަކުވެސް ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ޞުލްހަވެރިކަމާއެކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމާއެކު އަމާންކަން ޤާއިމުކުރުމަށްކަމަށާއި، މި އަސާސީ ބިންގާ ނެތިގެން ހިނގައްޖެނަމަ އަދި، އެ ވެރިއަކަށް މި ބިންގާ އިޢާދަ ނުކުރެވިއްޖެ ހިނދެއްގައި ޤާއިމުވެފައިވާ ތަރުތީބެއްގެ ދަށުން ރައްޔިތުން ބަދަލަކަށް އެދޭނެކަމަށެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުދެއްވާނެ ކެންޑިޑޭޓެއް ނިންމަވާއިރު ސަމާލުކަންދޭންޖެހޭ ބައެއް ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ފާއިތުވި 4 އަހަރާއި 6 މަސް ދުވަހުގެ ވެރިކަމުގައި ދިވެހިންގެ ހިތްތައް އުއްމީދުން ފުރާލައިފިކަމަށާއި، ދިވެހި ޤައުމަކީ ކުރިޔަށް ދާން ބޭނުންވާބަޔަކު ދިރިއުޅޭ ތަނަކަށް ހަދައިފިކަމުގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި ކޮންމެ މީހަކީވެސް ނިޒާމުތަކަށް ތަބާވާންޖެހޭ މީހެއް ކަމަށާއި އެންމެންނަކީވެސް ހަމަހަމަ ޙައްޤުތަކެއް ލިބިގެންވާ ބައެއްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް އެމަނިފާނު ވަނީ ރާއްޖޭގެ ތަރައްޤީއަށް މި ސަރުކާރުން ކޮށްދެއްވާފައިވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ރާއްޖޭގެ މަލަމަތި ބަދަލުވެއްޖެކަމަށާއި، މީހުންގެ ވިސްނުމާ ފިކުރު ބަދަލުވެ ދިރިއުޅުމާމެދު ކުރާ އުއްމީދު އިތުރުވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.