ޚަބަރު

އައި.އެޗް.އާރްއިން ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި


އަމިއްލަ ކުންފުންޏެއްކަމަށްވާ އިންވެސްޓަރސް އިން ހިއުމަން ރިސޯސް، އައި.އެޗް.އާރްއިން ހުޅުމާލޭ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ހުޅުމާލޭ މައި ބަސް ސްޓޮޕުން ފެށިގެން ބާބަކިއު އޭރިއާއާ ހަމައަށްވަނީ ސާފުކޮށްފައެވެ. މި ޕްރޮގްރާމްގައި ގޮނޑުދޮށާއި ފަރުތައް ޙިމާޔަތްކުރުމުގައި މަސައްކަތްކުރާ ސޭވްދަ ބީޗާއި، އެމެރިކަން ސެންޓަރާއި ބައެއް އަމިއްލަ ފަރާތްތަކުން ބައިވެރިވިއެވެ.

މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން އެ ކުންފުނީގެ މެންބަރު ޢަބްދުﷲ ސުއޫދު ބުނީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެދަށުން ސާފުކުރުމުގެ މިފަދަ ޕްރޮގްރާމެއް ހިންގަން ނިންމީ އާންމުން ތިމާވެއްޓަށް ހޭލުންތެރިކުރުވާ، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން އާއްމުންނަށް އަންގައިދިނުމަށްކަމަށެވެ. މި ޕްރޮފްރާމްގައި ގިނަ އަދަދަކަށް ކުޑަކުދިންވެސްވަނީ ބައިވެރިވެފައެވެ. ސުޢޫދު ބުނީ ކުޑަކުދިން ބައިވެރި ކޮށްގެން މިފަދަ ހަރަކާތެއް ކުރިއަށްގެންގޮސްފައި މިވަނީ ކޮންމެ ކުއްޖަކީވެސް ޒިންމާތަކެއް އޮންނަ ކުއްޖެއްކަން ބުނެދީ، ދިމާވެއްޓާމެދު ކުޑަކުދިން ޒިންމާދާރު ކުރުވުމަށްކަމަށެވެ.

ސާފުކުރުމުގެ ހަރަކާތުގައި ޕްލާސްޓިކް ފުޅިއާއި ދަޅުފަދަ ތަކެތި ހޮވާފައިވެއެވެ. މި ޕްރޮގްރާމުގައި ހޮވާފައިވާ ކުނިތައް ނައްތާލުމުގެ މަސައްކަތް ކޮށްފައިވަނީ އެޗްޑީސީއާ ގުޅިގެން ވެމްކޯގެ އެހީއާއިއެކުކަމަށް އައި.އެޗް.އާރުއިން ބުނެއެވެ.