ޚަބަރު

ރަމަޟާން މަހާ ދިމާކޮށް މޯލްޑިވްސް ގޭހުން 10 ކިލޯގެ ގޭސް ފުޅީގެ އަގުހެޔޮކޮށްފި


ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް މޯލްޑިވް ގޭހުން ވިއްކާ 10 ކިލޯގެ ގޭސް ފުޅިން 50 ރުފިޔާ އަގުހެޔޮކޮށްފިއެވެ.

ރޯދަމަހާ ދިމާކޮށް މޯލްޑިވް ގޭހުން، "ރޯދަ ޕްރޮމޯ"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަނާއެކު މިހާރު 200 ރުފިޔާއަށް ވިއްކަމުންދާ 10 ކިލޯގެ ގޭސްފުޅި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 150 ރުފިޔާއަށް ލިބޭނެއެވެ. މޯލްޑިވް ގޭހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މަޢުމޫން ވިދާޅުވީ، ގްރޭޓާރ މާލެ ޒޯނެކޭ އެއްގޮތަށް އަތޮޅުތެރޭގައި ދިރިއުޅޭ މޯލްޑިވް ގޭހުގެ ކަސްޓަމަރުންނަށްވެސް އަގުހެޔޮކުރި ރޭޓްގައި ގޭސް ގަންނަން ލިބޭނެ ކަމަށެވެ. އެގޮތުން އަތޮޅުތަކަށް ގޭސް ފޯރުކޮށްދޭ އެޖެންޓުންނަށް ގޭސް ވިއްކާނީ އެޖެންޓުންނަށް ގޭސް ފޯރުކޮށްދޭ އަގުގައި ކަމަށާއި ކަސްޓަމަރުންނަށް ގޭސް ވިއްކާއިރު އެޖެންޓުންވެސް ވިއްކަންޖެހޭނީ 50 ރުފިޔާ ހެޔޮކޮށް ކަމަށް މައުމޫން ވިދާޅުވިއެވެ.

"ކުރީގެ ސްޓޮކެއް އެޖެންޓުން އަތުގައި ހުރި ނަމަވެސް 50 ރުފިޔާ ހެޔޮކޮށް ވިއްކުމަށްފަހު ބަދަލު ހޯދުމަށްޓަކައި މޯލްޑިވް ގޭހަށް ހުށަހެޅުމަށް އެދެން. ހަމަ އެގޮތަށް ކަސްޓަމަރުންގެ ކިބައިން މަޢުލޫމާތު ކަށަވަރުކުރުމަށްފަހު އޭޖެންޓުންނަށް ފައިސާ ރީއިމްބާސް ކުރާނެ" މައުމޫން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވް ގޭހުގެ މާކެޓިންގ މެނޭޖަރ އައިމިނަތު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް ގޭސް ފޯރުކޮށްދޭ އެކުންފުނީގެ އެޖެންޓުންވެސް މިބަދަލާއެކު ރައްޔިތުންނަށް ހެޔޮ އަގުގައި ގޭސް ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.

"އެގޮތުން އޭޖެންޓުންނަށް ދަންނަވަން އޮތީ ތިފަރާތަށް ގޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ ޚާއްސަ އަގުތަކެއްގައޭ. ނަމަވެސް މި ބަދަލާއެކު ރައްޔިތުންނަށް އަގު ހެޔޮކޮށް ގޭސް ފޯރުކޮށްދިނުމަށް ހުރިހާ އޭޖެންޓުންވެސް އުނިކުރެވުނު ފަންސާސް ރުފިޔާ އަގު ހެޔޮކޮށް ރަށްރަށުގައި އުޅޭ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެއްވަންވާނެ. އަގުހެޔޮ ރޭޓްގައި ގޭސް ނުލިބޭނަމަ އަޅުގަނޑުމެންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ." އައިމިނަތު މުޙައްމަދު ސައީދު ވިދާޅުވިއެވެ.

ރަމަޟާން މަހާ ދިމާކޮށް ގޭސް އަގު ހެޔޮކުރަން ނިންމީ ރޯދަ މަހަކީ ގޭހަށް އޮންނަ ޑިމާންޑް އިތުރުވާ މަހަކަށްވެފަ ރައްޔިތުންނަށް ޚަރަދު ކުޑަކޮށް ގޭސްފޯރުކޮށް ދިނުމަށްކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.