ޚަބަރު

ސިފައިންގެ ކުލަބާއި ކަނބަލުންވެސް ސެމީ ފައިނަލަށް


މިހާރު ކުރިޔަށްދާ ޔޫތް ސިޓީ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ދިވެހި ސިފައިންގެ ކްލަބް އަދި ކަނބަލުންގެ ޓީމުން ހޯދާއިފިއެވެ.

ދިވެހި ސިފައިގެން ކްލަބުން ސެމީގެ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ކުއާޓާރ ފައިނަލުގެ މެޗުގައި ވުމެންސް ފުޓްބޯލް ކްލަބާއި ވާދަކޮށް އެއް ލަނޑު ސުން ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ދިވެހި ސިފައިންގެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މަރިޔަމް ރިފާއެވެ.

އަންހެން ޑިވިޝަންގެ ކުއާޓާރ ފައިނަލު ފަހު މެޗުގައި ރޭ ވާދަކުރީ ކަނބަލުންގެ ޓީމާއި ލޭޑި ލަކްއެވެ. މި މެޗު ހަތަރު ލަނޑު އެއް ލަނޑުން ކާމިޔާބުކޮށް، ސެމީގެ ފަހު ޖާގަ ކަނބަލުންގެ ޓީމުންވަނީ ކަށަވަރުކޮށްފައެވެ. މި މެޗުގައި ސަނާ އަބްދުއްރަހީމް ތިން ލަނޑު ކަނބަލުން ޓީމަށް ކާމިޔާބުކޮށްދިން އިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ސުހާ އަބްދުއްރަހީމެވެ. މެޗުގައި ލޭޑީ ލަކް ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ފާތިމަތު ނިޝްފާ އަލީއެވެ.

މީގެ އިތުރުން ފިރިހެން ޑިވިޝަންގެ ކުއާޓާރ ފައިނަލުން ރޭ ހަތަރު ޓީމެއް ވަނީ ޖާގަ ހޯދާފައެވެ. އެގޮތުން އެފް.ސީ ވަކަރުގެ ޓީމާއި މައްޗަންގޯޅި ޒުވާނުންގެން ގުޅުން ވާދަކުރި މެޗު އަށް ލަނޑު ތިން ލަނޑު މެޗު ކާމިޔާބުކޮށް ކުއާޓާރގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މައްޗަންގޯޅި ޒުވާނުންގެ ގުޅުމުންނެވެ.

އެފް.ސީ ދާ އެޅުން ޓީމު ކުއާޓާރ ފައިނަލުގެ ޖާގައެއް ޔަގީންކުރީ ހަ ލަނޑު ސުން ލަނޑުން ރޮކް ސްޓްރީޓްސް ބަލިކުރުމަށްފަހުގައެވެ. ނެމެސިސް އާއި ފްލެޓް ހަތެއް ވާދަކުރި މެޗު ފަސް ލަނޑު ތިން ލަނޑުން ފްލެޓް ހަތެއް ވަނީ މެޗު ކާމިޔާބުކޮށް ކުއާޓާރ ފައިނަލަށް ދަތުރުކޮށްފައެވެ.

އަދި މީގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް ވެސް ވަނީ ކުއާޓަރ ފައިނަލުން ޖާގައެއް ހޯދާފައެވެ. އެޓީމުން ކުއާޓާރ ފައިނަލުން ޖާގައެއް ހޯދީ ތިމަރަފުށި ފްރެންޑްލީ ޕްލެޔާރޒް ތިން ލަނޑު ދެ ލަނޑުން ބަލިކުރުމަށްފަހުގައެވެ.